Close
ޖުމުހޫރީ ދުވަސް

އިމާދު ލަތީފުގެ ކޮލަމް: ޖުމްހޫރިއްޔަތެއް ގެނައީ ވެރިންނެވެ. ރައްޔިތުންނެއް ނޫނެވެ.

އިމާދު ލަތީފު

2

މިއަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް 52 އަހަރު ފުރޭ 53 ވަނަ ޖުމްހޫރީ ދުވަހެވެ. ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރިސްކުރަމެވެ. ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން މިދަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު އެގާރަވަނަ ދުވަހެވެ. އެދުވަސް ފާހަގަކުރަމުން މިގެންދަނީ 11 ނޮވެމްބަރު 1968 އިން ފެށިގެންނެވެ. އެއީ ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތެއް އިއުލާންކޮށް އެ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްގެ ގޮތުގައި ވެލާނާގޭ އިބްރާހިމް ނާސިރު ހުވާކުރެއްވި ދުވަހެވެ.

ޖުމްހޫރީ ދުވަސް ފާހަގަ ކުރަމުންދާއިރު ދިވެހިރާއްޖޭގައި ގާއިމު ކުރެވުނު ފުރަތަމަ ޖުމްހޫރިއްޔާގެ ވާހަކަވެސް ދައްކާންޖެހެއެވެ. ރާއްޖޭގައި މުތުލަގު ރަސްކަމެއް ހިންގަމުން އަންނަތާ އެއްހާސް އަހަރަށްވުރެ ގިނަދުވަސްވީފަހުން ކުއްލިޔަކަށް 1 ޖެނުއަރީ 1953 ގައި ރަސްކަން އުވި ޖުމްހޫރިއްޔަތަކަށް ބަދަލުވެއްޖެއެވެ. އެބަދަލުގެ ފަހަތުގައި ހުންނެވީ އަތިރީގޭ މުހައްމަދު އަމީނެވެ. މިއީ ކޮންމެހެން މިބަދަލަށް ރައްޔިތުން އެދިގެން ނުވަތަ ބޭނުންވެގެން ގެނައި ބަދަލެއް ނޫނެވެ.

ދައުލަތް އޭރު ހިންގަވާން ހުންނެވި މުހައްމަދު އަމީނަށް ކޮންމެވެސް ސަބަބުތަކަކާ ހެދި ފެނިވަޑައިގެންނެވި ބަދަލަކީއެވެ. ފަހަރުގައި އެއީ ދުނިޔޭގެ އޮޔާއިވައި އެނބުރެމުން ދިޔަގޮތަށް ބައްލަވައި ޒަމާނީ ތަރައްގީއާ ދިމާލަށް ގައުމުގެ މިސްރާބު އަނބުރައިލެއްވުމުގެ ގޮތުން ގެންނެވި ބަދަލަކަށް ވެދާނެއެވެ. އިހުގެ ރަސްކަމާ ގުޅިފައިވި ބޯދާ އާދަތައް މުގުރުއްވައި ޒަމާނީ ބައެއް ބަދަލުތައް އަމީނު ގެންނެވިއެވެ. އޭގެތެރެއިން އެންމެ މުހިއްމު ބަދަލަކީ އަންހެންކުދީންނަށް ތައުލީމާއި ވަޒީފާގެ ފުރުސަތު ހުޅުވައިލުމެވެ.

ކޮންމެއަކަސް އެ ޖުމްހޫރިއްޔާގެ ރައީސަކީ ނުވަތަ ވެރިޔަކީ މުހައްމަދު އަމީނެވެ. އޭރު ރައީސުލްޖުމްހޫރިއްޔާއެކޭ ނުކިޔައެވެ. އެކަމަކު ގައުމުގެ ރައީސޭ ކިޔައެވެ. އާއްމުގޮތެއްގައި ބޭނުންކުރާ ލަގަބަކީ ވަލިއްޔުލްއަމްރެވެ. މާނަޔަކީ ގައުމުގެ އެންމެ މަތީ ބާރާއި އިޚުތިޔާރު ލިބިގެންވާ ފަރާތެވެ. ކޮންމެއަކަސް އަމީނުގެ މި ޖުމްހޫރިއްޔާ ދެމިއޮތީ ގާތްގަޑަނކަށް އަށެއްކަ މަސްދުވަހުއެވެ. އިގްތިސާދީ އުދާސްތަކާއި ސިޔާސީ އުދާސްތަކާއި އިޖުތިމާއީ އުދާސްތައް މަސްހުނިވެގެން ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ 21 އޮގަސްޓް 1953 ގައި އަމީނުގެ ޖުމްހޫރީވެރިކަން އިންގިލާބުކޮށްލައިފިއެވެ.

ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މަގާމުން ދުރުކޮށް އޭނާގެ ނާއިބު ރައީސް އިސްކޮށް ހުންނަވައިގެން ވަގުތީ ވެރިކަމެއް ގާއިމުކޮށް ރައްޔިތުންގެ ޚާއްސަ މަޖިލީހެއް ހޮވައި އެ މަޖިލީހަށް ފެނުނުގޮތުގެ މަތިން 1954 ގެ މާރޗް މަހުގެ 7 ވަނަ ދުވަހު ރާއްޖޭގައި އަލުން ރަސްކަމެއްވެސް ގާއިމްކޮށްފިއެވެ. ރަސްކަމަށް އިސްކުރީ މުހައްމަދު ފަރީދުދީދީއެވެ. މި ރަދުންގެ ފުރަތަމަ ބޮޑުވަޒީރަކަށް ހަމަޖެއްސީ އެއްގަމުގޭ އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ. މިމަގުން ވެރިކަން ހިންގާތާ ހަތަރު އަހަރުފަހުން 1957 ގެ ފަހުކޮޅު އިބްރާހިމް ފާމުލަދޭރިކިލެގެފާނުގެ ބަދަލުގައި ވެލާނާގޭ އިބްރާހިމް ނާސިރު ބޮޑުވަޒީރުކަމަށް އައްޔަންކޮށްފިއެވެ.

ފާމުލަދޭރިކިލެގެފާނުގެ ދައުރުގައިވެސް އަދި ނާސިރުގެ ދައުރުގައިވެސް ރަސްގެފާނަކީ ރަމްޒީ ބޭފުޅެކެވެ. ވެރިކަމުގެ އެންމެހައި ބާރުތައް އޮންނަނީ ބޮޑުވަޒީރަށެވެ. އެކަމަކު ކުރައްވާހައި ކަމެއް ކުރައްވަނީ ރަސްގެފާނުގެ ނަންފުޅުގައެވެ. މިގޮތްމަތިން ނާސިރު ވެރިކަން ހިންގަވަމުން ވަޑައިގަންނަވާތާ ދިހަވަރަކަށް އަހަރުފަހުން ވެރިކަމުގެ ބައްޓަމާއި ސިފަ ބަދަލުކުރަން ނާސިރު ނިންމަވައިފިއެވެ. ނާސިރު ބޭނުންފުޅުވީ ދައުލަތުގެ އެންމެ އިސްވެރިޔާކަމެވެ. އެކަން ކުރެވެން އޮތީ ރަސްކަން އުވާލައިގެންނެވެ. ޖުމްހޫރިއްޔަތެއް އަލުން ގެނެސްގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް ނާސިރަށް އޮތުމުން އިސާހިތަކު މަޖިލީހުން މިގޮތް ފާސްކޮށްފިއެވެ.

މަޖިލީހުން ފާސްކުރީ ކޮންމެވެސް ގޮތަކުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ރައްޔިތުން އެދޭ ނިޒާމެއް ގެނައުމަށެވެ. އަމީނުގެ ޖުމްހޫރީ ތަޖުރިބާވެފައި އޮތީ ރައްޔިތުންނަށް ހިތި ތަޖުރިބާއަކަށެވެ. ޖުމްހޫރިއްޔަތެކޭ ބުނީމާ ރައްޔިތުންގެ ގިނަބަޔަކަށް ސިފަކުރެވެނީ ދަރަނިވެރިކަމާއި ނާޗަރަންގީ ކުޅުމާއި ދެޖިންސުގެ ޒުވާނުން މަސްހުނިވެގެން ކުޅިވަރުކުޅޭ ނިޒާމެކެވެ. އެހެންވެގެން ޖުމްހޫރިއްޔަތެކޭ ރަސްކަމެކޭ މާބޮޑަށް ނުކިޔައި ނާސިރު ދެއްކެވީ ދެ ނިޝާނެކެވެ. ދިވެހި ރުކަކާއި ތަރިއެކެވެ.

މިތަނުން ރައްޔިތުން ބޭނުމީ ކޮން ނިޝާނެއްތޯ އެއްސެވީމާ ގިނަބަޔަކު ބުނީ ތަރިޔަކީ އުޑުގައި ހުންނަ އެއްޗެއްކަމަށާއި ތަރި ނުބޭލޭނެ ކަމުގައެވެ. ރައްޔިތުންގެ ހުރިހާ މުހުތާދެއް ފުދޭ އެއްޗަކީ ދިވެހިރުއް ކަމުގައެވެ. ކޮންމެއަކަސް ރައްޔިތުންގެ ހޮވުމަކީ ރުކެވެ. ރުއް ނެގީމާ ނެގުނީ ޖުމްހޫރިއްޔަތެކެވެ. މިގޮތުން ޖުމްހޫރިއްޔަތަކަށް ވޯޓު ލިބިގެން ގާނޫނުތަކަށް ގެންނާން ޖެހޭ ބަދަލުތައްވެސް ގެނެސްގެން 11 ނޮވެމްބަރު 1968 ގައި އިބްރާހިމް ނާސިރު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވައިފިއެވެ. ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ދިވެހިރާއްޖެ އަނެއްކާވެސް ބަދަލުވެއްޖެއެވެ.

ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތަކަށް ބަދަލުކުރަން ނާސިރު ނިންމެވީ ރައްޔިތުން އެކަމަށް އެދިގެނެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހަށް ފެނިގެނެއްވެސް ނޫނެވެ. އެއީ ނާސިރުގެ އަމިއްލަފުޅު ނިންމެވުމެކެވެ. މުހައްމަދު އަމީނު ފަދައިން ނާސިރަކީވެސް ޑިމޮކްރަޓިކް ބޭފުޅެއް ނޫނެވެ. ޑިކްޓޭޓަރެކެވެ. އެހެންވީމާ ދައުލަތުގައި ޖައްސާން ނާސިރު ބޭނުންފުޅުވި ކުލައެއް ޖެއްސެވީއެވެ. ފަހަރުގައި މިއީ ޒަމާނީ ތަރައްގީއަށް ހުރަސްއެޅި ރައްޔިތުންގެ ވިސްނުން ބަދަލުނުވުމުގެ ސިއްރަކީ ރަސްކަމެއް އޮތުންކަމަށް ދެކެވަޑައިގެންގެންނެވި ބަދަލަކަށް ވެދާނެއެވެ.

ސަރުކާރު މުވައްޒަފުން ހެދުން އެޅުމުގެ އުސޫލުތަކާއި މީލާދީ ކަލަންޑަރު ބޭނުންކުރާން ފެށުމާއި އިނގިރޭސި ތައުލީމު އާއްމުކުރުމާއި މިހެންގޮސް ވަރަށް ގިނަ ކަންކަން ނާސިރު ތައާރަފު ކުރެއްވިއެވެ. ކުރީގެ ރަސްކަމުގެ ކިއްލާ މުގުރުއްވައި އެތާގައި ޕާކެއް ގާއިމުކުރައްވައި މީސްތަކުންގެ ސިކުނޑިން ރަސްކަމުގެ ޚިޔާލާއި ސިފަވެސް ނާސިރު ވަނީ ލުއްސަވައިފައެވެ. މިމަގުން މިކަންކަން ތަންފީޒު ކުރެއްވުމަށްފަހު 1978 ގައި ނާސިރު އަމިއްލަފުޅަށް ވެރިކަމުން ވަކިވެވަޑައިގެންފިއެވެ.

ރައީސްކަމާ 1968 ވަނަ އަހަރު ހަވާލުވެވަޑައިގެންފައި ބަރުލަމާނީ ސިފަތައް ސަރުކާރުގެ ތެރެއިން ފޮހެލެއްވި ކަމަށްވިޔަސް ނާސިރުގެ ރިޔާސަތުގެ ފަހު ދައުރުގައި ކޮންމެވެސް މިންވަރަކަށް ބަރުލަމާނީ ސިފަތައް އަލުން ގެންނެވިއެވެ. ބޮޑުވަޒީރުކަމަށް ބޭފުޅަކު އައްޔަންވެސް ކުރެއްވިއެވެ. ނާސިރަށްފަހު ރިޔާސަތަށް ވަޑައިގެންނެވީ މައުމޫނު އަބްދުލްގައްޔޫމެވެ. އެމަނިކުފާނު 1978 ނޮވެމްބަރު އެގާރައިން 2008 ނޮވެމްބަރު އެގާރަޔަށް ކުރެއްވި ދިގު ތިރީސް އަހަރުގެ ވެރިކަމަކީ ޖުމްހޫރީ ޑިކްޓޭޓަރޝިޕެއްގެ ހުރިހާ ކުލަތަކެއް ޖެހިފައިވީ ވެރިކަމެކެވެ.

މައުމޫނުގެ ވެރިކަން ނިމުނީ އައު ގާނޫނުއަސާސީއެއް ވުޖޫދުވެގެން ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ބޭއްވުނު ފުރަތަމަ އިންތިޚާބުގައި މައުމޫނަށް ނާކާމިޔާބުވެގެންނެވެ. އެއަށްފަހު ދެން ވެރިކަމަށް ވަޑައިގަންނަވަނީ ކެނެރީގޭ މުހައްމަދު ނަޝީދެވެ. އެކަމަކު ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ނަޝީދުގެ ރިޔާސީ ދައުރުގެ ފަހު ދެއަހަރު ފުރިހަމަ ކުރެއްވީ އެމަނިކުފާނުގެ ނާއިބު ޑރ މުހައްމަދު ވަހީދު ހަސަން މަނިކެވެ. ޑރ ވަހީދަށްފަހު 2013 ވަނަ އަހަރު ރިޔާސަތަށް ވަޑައިގެންނެވީ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެމަނިކުފާނަށްވެސް ދެވަނަ ދައުރެއް ދޭން ރައްޔިތުން ބޭނުމެއް ނުވިއެވެ. ދެވަނަ ޖުމްހޫރިއްޔާގެ ހަވަނަ ރައީސްގެ ގޮތުގައި 2018 ވަނަ އަހަރު މަގާމާ ހަވާލުވެވަޑައިގަތީ އިބްރާހިމް މުހައްމަދު ސާލިހެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރީ ހަޔާތުގެ ތާރީޚަށް ބަލައިލީމާ ފެންނަނީ އަޑިގުޑަންކަމެވެ. ފަހަކަށްއައިސް އޮމާންކަމަށްވުރެ ބޮޑަށް ކުރަކިކަމެވެ. މިކަމުގެ ސަބަބަކީ ކޮބައިބާވައެވެ. ބައިވަރު ސަބަބުތައް ހުންނާނެއެވެ. އެސަބަބުތައް ހޯދައި ބަލައި އަލުން އޮމާންކަމާއި މަސަލަސްކަން ގެނައުން ވަރަށް މުހިންމެވެ. އެކަން ކުރެވިގެން މެނުވީ ޖުމްހޫރިއްޔަތެއް ގެނައުމުގެ ހަގީގީ މަންފާ ދިވެހީންނަށް ލިބޭނެބާވައެވެ. އަޅުގަނޑު ހިތުން ލިބުމެއްނެތެވެ.