ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކުރުމުގެ އިނާމު 97 ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އިނާމުދިނުމަށް ހަމަޖެހިފައިވަނީ މާދަމާ ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށެވެ.

"މި ޖަލްސާގައި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 97 ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ. މި ބޭފުޅުންނަކީ، 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުން،" ރައީސް އޮފީހުން ބުންޏެވެ.

އެ އިނާމަށް މީހުން ހޮވާފައިވަނީ ގައުމީ އިނާމާބެހޭ ކޮމިޓީން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި 94 ބޭފުޅަކަށް މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އިނާމު ދެއްވާފައިވާ ކަމަށެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:30 ގައި ސޯޝަލް ސެންޓަރުގައެވެ. އެ ރަސްމިއްޔާތުގައި މަތީ ދަރަޖަ ހޯދާފައިވާ މީހުންނަށްވެސް އިނާމު ދޭނެއެވެ.