ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި 53 ބޭފުޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ.

ރައީސް، އެ 53 ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްދަނަ ދެއްވައިފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައެވެ.

މިއީ، ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވައިފައިވާ މީހުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާއެކު ކުރައްވައިފައިވާ ހިދުމަތްތަކަށާއި އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ގައުމީ ފެންވަރުގައި، ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެއްޓެވި ޝަރަފުވެރި އިނާމެކެވެ.

ރައީސް އޮފީހުން ރޭ ބުނީ މިފަހަރު އެ އިނާމު ލިބިވަޑައިގެންނެވި ފަރާތްތަކުގެ ތެރޭގައި 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތްކުރެއްވި 11 ބޭފުޅުންނާއި އަދި 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި 42 ފަރާތެއް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވާނެ ފަރާތްތައް ކަނަޑައެޅުމުގެ މަސައްކަތް ކުރަނީ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.