ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި 97 ބޭފުޅަކަށާއި މަތީ ދަރަޖަ ހޯދި 34 މީހަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިނާމު ދެއްވައިފިއެވެ.

އެ ފަރާތްތަކަށް އިނާމު ދެއްވާފައިވަނީ މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމުގެ އިނާމަކީ ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި، އިހުލާސްތެރިކަމާއެކު ކުރައްވައިފައިވާ ހިދުމަތްތަކަށާއި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ގައުމީ ފެންވަރުގައި، ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެއްޓެވި ޝަރަފުވެރި އިނާމެކެވެ.

11 ނޮވެމްބަރ 2025، މާލެ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ޖަލްސާ --- ވަން ފޮޓޯ: ހަމްދާން އަހުމަދު

މިއަދު އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނެވެ. މީގެ ކުރިން މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވަނީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތްކުރެއްވި 94 ބޭފުޅުންގެ ހިދުމަތުގެ އަގުވަޒަންކުރައްވާ އިނާމު ދެއްވައިފައެވެ.

ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމުގެ ނަމުގައި އިނާމުދޭން ފެށީ 2021 ވަނަ އަހަރުގައެވެ. އެއީ، ވަރަށް ދިގު މުއްދަތަކަށް އިހުލާސްތެރިކަމާއެކުގައި ހިދުމަތް ކުރައްވައިފައިވާ ގިނަ އަދަދެއްގެ ބޭފުޅުން އޭރުވެސް ތިއްބެވުމާއެކު، އެ ބޭފުޅުންގެ ހިދުމަތުގެ އަގު، ގައުމީ ފެންވަރެއްގައި ވަޒަންކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ފެނިވަޑައިގަންނަވާތީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމުމެކެވެ.

11 ނޮވެމްބަރ 2025، މާލެ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ޖަލްސާ --- ވަން ފޮޓޯ: ހަމްދާން އަހުމަދު

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަކީ، އިލްމާއި ހުނަރާއި، އުފެއްދުންތެރިކަމުގެ ގޮތުން ހިތްވަރާއެކު ހޯދާ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން، ގައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު މި އަހަރު ދިނުމަށް ނިންމީ، 2022 ވަނަ އަހަރު ނުވަތަ އޭގެފަހުން ލިބިފައިވާ ކާމިޔާބީތަކަށެވެ.