ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭނީ ކޮރަޕްޝަން ނައްތާލައިގެންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ޖުމްހޫރީ ދުވަހުގެ މުނާސަބަތުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު މަސައްކަތްކުރައްވަމުން ގެންދަވާނީ ޒިންމާދާރު އަދި އަދުލުވެރި ވެރިކަމެއް ކުރައްވަން ކަމަށެވެ. އެކަން ކުރެވޭނީ ކޮރަޕްޝަން ނައްތާލައިގެންކަމަށް ރައީސް ވިދާޅުވިއެވެ.
"ޖުމްހޫރީ ވެރިކަމެއްގަ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި، ރައްޔިތުނަށް މުހިންމުންވާ ކަންކަމަކީ ދެފުށްފެންނަ ގޮތަށް، އިންސާފުވެރިކޮށް، އަދުލުވެރިކޮށް ހިދުމަތް ދިނުން ކަމުގައިވާއިރު މިކަން ކުރުމުގައި އޮތް އެންމެ ބޮޑު ވަބާއިން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން ޑިޖިޓަލައިޒޭޝަންގެ ތެރެއަށް ދާން ނިންމީ،" ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކޮރަޕްޝަންގެ އަމަލުތަކާ ދުރަށްދާން ނިންމި ވަރަކަށް އަޅުގަނޑުމެންނަށް ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދެވޭނީ"
ރައީސް ވިދާޅުވީ ކޮރަޕްޝަންގެ ވަބާ ނައްތާލުމަށް ޑިިޖިޓަލައިޒޭޝަނަކީ މުހިންމުކަމެއް ކަމަށެވެ. ރައްޔިތުން ހިދުމަތް ހޯދަން އަންނައިރު ހިދުމަތް ފޯރުކޮށްދޭން ހުންނަ ފަރާތަށް އަމިއްލަ މަންފާއެއް ހޯދޭގޮތަށް ހުރުމަކީ ކޮރަޕްޝަނަށް ހިންގުމުމަށް މަގުފަހިވުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެންމެ ގިނައިން ކޮރަޕްޝަން ހިންގަނީވެސް އަމިއްލަ މަންފާ ހޯދޭ މަގާމުތަކުގައި ތިބި މީހުންކަމަށް ރައީސް ވިދާޅުވިއެވެ.
މޯލްޑިވްސް 2.0 އަމާޒަކީ ދައުލަތާއި ސަރުކާރުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކުރުން ކަމަށާއި އެއިރުން ހިޔުމަން އިންޓަފިއަރެންސް ހިދުމަތް ހޯދުމާއި ހިދުމަތް ލިބިގަތުމުގައި ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއަންނަ އަހަރުގެ ބަޖެޓުގައި ޑިޖިޓަލައިޒޭޝަނަށް ބޮޑު އަދަދެއް ކަނޑައަޅާފައިވާ ކަމަށާއި އެހެންކަމުން މިއަންނަ އަހަރު އެ މަސައްކަތް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު