އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ދައުވާ އުފުލާފައިވާ، އަދި މަނީލޯންޑަރިންގެ މައްސަލަ ސާބިތުވެގެން މިހާރުވެސް ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ މައްސަލައިގައި ކަމެއް ކުރެވޭނީ ސުޕްރީމް ކޯޓުން ވަކިގޮތަކަށް އެ މައްސަލަތައް ކޯޓުން ނިންމުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަނީލޯންޑަރިންގެ މައްސަލައިގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު އެއްވެސް ޑީލެއްގެ ދަށުން ދޫކޮށްލަފާނަންތޯ، ރާއްޖެ ޓީވީގެ މިއަދުގެ ފަށާއިރު ޕްރޮގްރާމްގައި ޕްރެސެންޓަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އެއްވެސް ޑީލެއްގެ ދަށުން ބަންދެއްގައި ހުރި މީހަކު ދޫކޮށްލުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ހުކުމް ތަންފީޒު ކުރާ ފަރާތްތަކާ ދޭތެރޭގައި ވެރިޔަކަށް ހުންނަ މީހަކު އަމަލު ކުރަން ޖެހޭ ގޮތް ގާނޫނުގައި ލިޔެފައި އެބައޮތް ކަމަށެވެ. މިހާރު އޮންނަ ގޮތުން ރައީސަކަށް ހުން މީހަކަށް މައާފެއް ނުދެވޭ ކަމަށާއި ދެވެނީ ލުއިކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ވެރިއަކަށް ހުންނަ މީހަކަށް އެ ލުއި ދިނުމާ ބެހޭ ހިސާބަށް ދެވެނީ ހުރިހާ މަރުހަލާއެއް ނިމިގެން ކަމަށްވެސް ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ އެއް މައްސަލަ އަދި އެއުޅެނީ ހައިކޯޓުގައި އަނެއް މައްސަލަ ދަށު ކޯޓުގައި އެހެންވީމާ އަޅުގަނޑަށް، ރައީސް ޔާމީނުގެ މައްސަލައާ ބެހޭގޮތުން ކަމެއް ކުރެވޭނީ ސުޕްރީމްކޯޓުން އެ މައްސަލަ ވަކި ގޮތަކަށް ނިމުނީމަ،" ރައީސް ވިދާޅުވިއެވެ.
އޭގެ ބޭރުން އެމަނިކުފާނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު