އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އިސްކޮށް އުޅުނު އަދި އެ މައްސަލައިގައި މިހާރު ހުކުމް ތަންފީޒު ކުރަމުން އަންނަ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބުދުލްޣަފޫރާ ބައްދަލު ކުރެއްވިން ކަމަށާއި، ނަމަވެސް ހިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައިނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވި އިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އެގޮތުން އޭރު ސަރުކާރުން ފާސްކުރަން ބޭނުންވި ބައެއް ބިލުތަކަށް އެމްޑީޕީ މެންބަރުން ވޯޓު ގަތުމަށް ދިން ފައިސާގައި ރައީސް ސޯލިހު ވެސް ޖެހިވަޑައިގެންފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.

ރާއްޖޭގެ ޓީވީގެ މިއަދު "ފަށާއިރު" ޕްރޮގްރާމްގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެއްވެސް ލިސްޓެއްގައި ރައީސް ސޯލިހުގެ ނަންފުޅު އޮންނާނެތޯ ޕްރެޒެންޓަރު ސުވާލު ކުރުމުން ރައީސް ސޯލިހު ވިދާޅުވީ، ނޯންނާނެ ކަމަށާއި އެ ހިޔާނާތުގެ އެއްވެސް ފައިސާއެއް ލިބިވަޑައިގެންފައިނުވާ ކަމަށެވެ.

"އަޅުގަނޑަކަށް އެއްވެސް ފައިސާއެއް ނުލިބޭ. އަހުމަދު އަދީބާ އަޅުގަނޑު ބައްދަލުވި. އެނގިވަޑައިގަންނަވާނެ އޭރު ބައްދަލުކުރަން ޖެހުނީ ކޮންކަމެއްގައިކަން. އެކަމަކު ފައިސާގެ އެއްވެސް ވާހަކައެއް ދެކެވިފައެއް ވެސް ނޯންނާނެ އަދި އެއްވެސް ލާރިއެއް ވެސް ލިބިފައެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައިވާ ކަމަށް ބައެއް މީހުން ތުހުމަތުކުރެ އެވެ. ނަމަވެސް އެމަނިކުފާނު ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.