ރައްޔިތުންގެ މަޖިލިސް މިހާރަށްވުރެ ރަނގަޅަށް ކުރިއަށް ގެންދެވޭނެ ކަމަށާއި، ރައްޔިތުންގެ މަޖިލިސް މިހާރަށްވުރެ ރަނގަޅަށް މަސައްކަތް ކުރާތަން ދެކިވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ބާރުތަކުގެ ތެރެއަށް ވަންނަމުންދާ ކަމަށާއި، ސަރުކާރު ހިންގުމުގެ ތެރެއަށް ވެސް ރައްޔިތުންގެ މަޖިލިސް ވަންނަމުންދާ ކަމަށް ދައްކާ ވާހަކަތަކާ ގުޅިގެން ރާއްޖެ ޓީވީގެ މިއަދުގެ ފަށާއިރު ޕްރޮގްރާމްގައި ޕްރެސެންޓަރު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ، ތިންބާރުގެ ދާއިރާ ވަކިކޮށް އެބަޔަކު ކުރަން ޖެހޭ ކަންތައްތައް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބުނެފައިވާ ކަމަށެވެ.
"ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބުނެފަ އެބައޮތް ތިންބާރުގެ ދާއިރާ އިން ވަކިކޮށްފަ، އެބަޔަކު ކުރަން ޖެހޭ ކަންތައް، މަޖިލީހަކީ ގާނޫނުތައް ހަދާ ފަރާތާއި އަދި ސަރުކާރު ޖަވާބުދާރީ ކުރުވާ ފަރާތް، ސަރުކާރަކީ ތަންފީޒީ ބާރު ދެން މި އޮންނަނީ ޖުޑިޝަރީ. އެއީ އިންސާފު ގާއިމްކުރުމުގެ ބާރު މިއޮންނަނީ ޖުޑިޝަރީއަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެންމެ ބޭނުވެ ވަޑައިގަންނަވަނީ، އެބައެއްގެ އިމުގެ ތެރޭގައި މަސައްކަތް ކުރެވިގެންދާތަން ފެނުމަށް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ވަރަށް ގިނަ ރަނގަޅު ކަންތައްތައް ކުރަމުން އަންނަ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަަރަށްް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލިސް ވަރަށް ރަނގަޅަށް ޕާފޯމްކުރާތަން ދެކިވަޑައިގަންނަވަން ވަރަށް ބޭނުންފުޅުވާ ކަމަށާއި، މިއަށްވުރެ ރަނގަޅަށް މިހާރަށް ވުރެވެސް ރަނގަޅަށް ރައްޔިތުންގެ މަޖިލީހަށް މަސައްކަތް ކުރެވޭނެ ކަަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު