އަންން އަހަރުގެ އެންމެ މުހިއްމު މަސައްކަތަކަށް ވެގެންދާނީ މާލޭ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލުހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެ ޓީވީ ފަށާއިރު ޕްރޮގްރާމުގައި އަންނަ އަހަރަށް އެމަނިކުފާނު އިސްކަން ދެއްވުމަށް ހަމަޖެހިފައިވާ ކަންތައްތަކާބެހޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ، މާލޭ ރައްޔިތުން އުޅެމުންގެންދަނީ ވަރަށް ހާލުގައި ކަމަށެވެ.
މާޅޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެކި އެކި ސަބަބުތަކާ ހުރެ ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި އެ މަސައްކަތް އެދެވޭ ސްޕީޑުގައި ކުރިއަށް ގެންދެވިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ރައީސް ވިދާޅުވީ، އަންނަ އަހަރު ސަރުކާރުން ކުރާ އެންމެ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި މާލޭގެ ރަށްވެހީންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދެއްވުމަށް ހިންގާ މަޝްރޫއުތައް ހިމެނޭ ކަމަށެވެ. އެގޮތުން އަންނަ މި ނޮވެމްބަރު މަހާއި އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އޭގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އެ މަސައްކަތްތަކުގެ ތެރެއިން މި މަހާއި އަންނަ މަހު 3000 ފުލެޓުގެ ބިންގާ އެޅިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރު ސަރުކާރުގެ މަސައްކަތައްތައް ކުރިއަށް ގެންދާނީ ނުކުރެވި ހުރި މަަސައްކަތްތަކަށް ފޯކަސްކޮށްގެން ކަމަށެވެ.