ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށާއި ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250،000 އެމެރިކާ ޑޮލަރު ބެހެއްޓުން، ނުވަތަ އެ އަދަދުގެ މިންވަރެއް އިންވެސްޓްކުރާ ފަރާތްތަކަށް ދިގު މުއްދަތުގެ ވިސާ ލިބޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން އުޅެނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވަގަށް ނެގުމަށް ޖާގަ ހޯދުމަށް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ ހަވާލުވަޑައިގެން ހުންނެވި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށާއި ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250،000 އެމެރިކާ ޑޮލަރު ބެހެއްޓުން، ނުވަތަ އެ އަދަދުގެ މިންވަރެއް އިންވެސްޓްކުރާ ފަރާތްތަކަށް ދިގު މުއްދަތުގެ ވިސާ ލިބޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އިއްޔެއެވެ. އިއްޔެ ފާސްކުރި ބިލުގައި އަލަށް ތައާރަފުކުރަން ހިމަނާފައިވަނީ މީޓިން ވިސާ އާއި ކޯޕަރޭޓް ރެޒިޑެންޓް ވިސާ އެވެ.
މިހާރު ގާނޫނުގައި އޮންނަ އަށް ވިސާއަކީ، ޓޫރިސްޓު ވިސާ، ޑިޕްލޮމެޓިކް ވިސާ، ސްޓޫޑެންޓް ވިސާ، ބިޒްނަސް ވިސާ، ޑިޕެންޑަންޓް ވިސާ، ވާކް ވިސާ، ރެސިޑެންޓް ވިސާ، އަދި ސްޕެޝަލް ވިސާ، އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރާއްޖޭގެ ބޭންކެއްގައި 250،000 އެމެރިކާ ޑޮލަރު ފަސް އަހަރުގެ މުއްދަތަކަށް ބަހައްޓާފައިވާ ފަރާތްތަކަށް، އެ މުއްދަތަށް ވިސާ ދޫކުރުމުގެ އިތުރުން، ސަރުކާރުން ކަނޑައަޅާ ރިއަލް އެސްޓޭޓް ނުވަތަ އެނޫން ވިޔަފާރިއަކަށް 250،000 ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކޮންމެ ފަސް އަހަރަކުން އިންވެސްޓްމެންޓްގެ މުއްދަތުގައި ވިސާ ދޫކުރުމަށް ނިންމި ނިންމަކީ އިދިކޮޅު ކޯލިޝަނުން ބަލައިގަންނަ ނިންމުމެއް ނޫން ކަމަށާއި އެ އިސްލާހު އެ ކޯލިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، މަދު ފައިސާ ކޮޅަކަށް ރާއްޖޭގެ ރަށްވެހިކަން ވިއްކަން އިދިކޮޅުން ބޭނުން ނުވާ ކަމަށާއި މި ސަރުކާރުން އެކަން ކުރަން އުޅެނީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އަވަށްޓެރި އިންޑިއާއިން ބޭނުންވާ މީހަކު ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ކަމަށެވެ. އެގޮތުން، ރިޔާސީ އިންތިހާބު އަންނަންވާއިރަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ އެތައް ލައްކަ އިންޑިއާ ރައްޔިތުން ރާއްޖޭގައި ތިބޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން 3.8 މިލިއަން ދިވެހި ރުފިޔާއަށް ރާއްޖޭގެ ރަށްވެހިކަން ވިއްކާކަށެއް. އެކަމަކު ވިއްކަން މިއުޅެނީ 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އިންޑިއާއިން ބޭނުންވާ މީހަކު ގެންނަން ވެގެން. އެމީހުންނަށް ވޯޓުލެވޭ ގޮތްވެސް ހަދާނެ. ފުރަތަމަ މަރުހަލާގައި އަދި މިކަން ނުކޮށް ހިނގައިދާނެ. އެކަމަކު މަޑުމަޑުން ފަހަރަކު ކަމެއް ފަހަރަކު ކަމެއް ކުރަމުން އައިސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އަންނަންވާއިރު، މި ރާއްޖޭގައި އިންޑިއާގެ އެތައް ލައްކަ ރައްޔިތުންނެއް ތިބޭނެ ވޯޓު ލުމުގެ ހައްގު ލިބިގެންވާ.." އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ، ދިގު މުއްދަތަކަށް ހއ. ދައްޕަރު ވިއްކާލީ އިންޑިއާގެ މީހުން އެތާނގައި އާބާދުވުމަށް ކަމަށެވެ. އެގޮތުން ދެ ލައްކައެއްހާ މީހުންނަށް ދިރިއުޅެވޭ ގޮތަށް އެތަން އާބާދުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"ދައްޕަރު އެއޮތީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި 99 އަހަރަށް ވިއްކާލައިފައި. އެތާނގައި ދެ ލައްކައެއްހާ މީހުންނަށް ދިރިއުޅެވޭ ގޮތަށް އެތަން އާބާދުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ. އެހެންވީމާ އެއޮތީ ރިޔާސީ އިންތިހާބު ވަގަށް ނެގުމުގެ ޖާގަ ހޯދާފައި" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އުތުރު ތިލަފަޅުގައި އިންޑިއާގެ ކަނޑުގެ ސިފައިން ބޭތިއްވުމުގެ މަޝްވަރާތައް ކުރަމުންދާ ކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު