އަތޮޅުތެރޭގައި ޕްރީސްކޫލް ކުދިންނަށް އެކުދިންގެ އުމުރާ ގުޅޭ އެކި ހަރަކާތްތައް ހިންގުމަށް އެޑިއުކޭޝަނުން ނިންމައިފި އެވެ.
އެޑިއުކޭޝަނުން ބުނީ މި ނިންމުމަކީ މިހާރުގެ ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް، އެޗްޕީއޭގެ ލަފާގެ މަތިން ނިންމާފައިވާ ނިންމުމެއް ކަމަށާއި މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި ގޮތަށް އަމަލުކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އަންނަ އާދިއްތަ ދުވަހުން ފެށިގެން އަތޮޅުތެރޭގެ ސްކޫލުތަކުގެ ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލްތަކުގެ ކުދިން ސްކޫލަށް ގެންގޮސްގެން އެ ކުދިންގެ އުމުރާ ގުޅޭ އެކި ހަރަކާތްތައް ހިންގާނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
ރާއްޖޭގެ ހުރިހާ ސްކޫލުތަކެއް މިޑް-ޓާމަށް ބަންދު ކޮށްފައިވަނީ މާޗް މަހުގެ ތެރޭގައެވެ. އޭގެ ފަހުން ކޮވިޑާއި ގުޅިގެން ސްކޫލުތައް ނުހުޅުވުމަށް އެޑިޔުކޭޝަނުން ނިންމައި، ސްކޫލުތައް ވަނީ ބަންދުކޮށްފައެވެ. ސްކޫލުތަކުގެ ކިޔެވުން ފެށީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.
އެގޮތުން ކޮވިޑް ނެތް ރަށްރަށުގެ ސްކޫލުތަކުގެ ހުރިހާ ގްރޭޑުތަކަކަށް، އަދި މާލެ ސަރަހައްދުގެ ގްރޭޑް 9 އަކުން މަތީގެ ގްރޭޑުތަކަށް ޖުލައި މަހު ސްކޫލު ހުޅުވާލިއެވެ. ނިއުނޯމަލްގައި މާލޭގައި ބައެއް ގްރޭޑްތަކަށް ޖުލައި މަހު ސްކޫލު ހުޅުވުމަށްފަހު އަލުން ސްކޫލު ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފެށީ މާލޭގައި ކޮވިޑްގެ ކޭސްތައް އިތުރުވުމާ ގުޅިގެންނެވެ.
ރާއްޖޭގެ ސްކޫލުތަކުގައި ދަރިވަރުންނަށް ކިޔަވައިދިނުން ފަށާފައި ވަނީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާ އެކުގަ އެވެ. އެ ގޮތުން މާސްކު އެޅުމާއި އަތް ދޮވެވޭނެ ހާއްސަ ނިޒާމުތައް ގާއިމުކުރުމުގެ އިތުރުން ސްކޫލަށް ވަނުމުގެ ކުރީން ހުން ބެލުން ވަނީ ތައާރަފުކޮށްފަ އެވެ. އަދި ކުލާސްތަކުގައި ގައިދުރުކަން ކަށަވަރުކުރުމަށް ދަރިވަރުންގެ އަދަދު ވަނީ މަދުކޮށްފަ އެވެ.