ލަންކާގެ 20 ޕަސެންޓް އާބާދީއަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަަށް ޑަބްލިޔުއެޗްއޯ އިން ނިންމައިފިއެވެ.

ލަންކާގެ މިނިސްޓްރީ އޮފް ހެލްތުން ނެރެފައިވާ ބަޔާނެއްގައި ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ލަންކާގެ ހެލްތު މިނިސްޓަރު ޕަވިތުރަ ވަންނަރައްޗި އާއި ޑަބްލިއުއެޗްއޯ އިން ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ ރާޒިއާ ޕެންޑްސެ ބޭއްވެވި މަޝްވަރާތަކަށް ފަހު، ލަންކާގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ވެކްސިން ހޯދުމާ ބެހޭ ގޮތުން ގިނަ ނިންމުންތަކެއް ވަނީ ނިންމަވައިފައެވެ. މި ބައްދަލުވުމުގައި ލަންކާގެ ސިއްހަތާ ބެހޭ ވުޒާރާގެ އިތުރު އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

މި ބައްދަލުވުމަށްފަހު ލަންކާގެ ހެލްތު މިނިސްޓަރު ޕަވިތުރަ ވަންނަރައްޗި ވަނީ ހާއްސަ ކޮމިޓީއެއް ކަނޑައަޅައި އެގައުމަށް ވެކްސިން ހޯދުމާއި ކުރަން ޖެހޭ ހަރަދުތަކުގެ އިތުރުން ވެކްސިން ދޭނެ މީހުން ކަނޑައަޅައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ފައްޓަވައިފައެވެ.