ރަށްރަށުގެ ފަޅުތައް ތަރައްގީކުރުމާއި ހިއްކާފައިވާ ބިންތަކުން ބިން ގަތުމުގެ ފުރުސަތު އާންމުންނަށް ހުޅުވައިލަން ސަރުކާރުން ނިންމައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން ހުށަހަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓަށް އާމްދަނީ އިތުރު ކުރުމަށް ގިނަ ކަންކަމެއް ހުށަހަޅާފައިވާއިރު، އެކަންކަމުން އަންނަ އަހަރު 1.2 ބިލިއަން ރުފިޔާ ހޯދޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އާމްދަނީ އިތުރުކުރުމަށް ރާއްޖޭގެ ރަށްތަކުގެ ބިން، ވަކިން ހާއްސަކޮށް ހިއްކާފައިވާ ބިންތަކުގެ ވަކި ޕަސެންޓެއް އާންމުންނަށް ވިއްކުމަށް ހުޅުވާލެވޭނެ ކަމަށެވެ. އެކަމަށް ހުޅުވާލާނީ ކޮންއިރަކުކަން ވިދާޅުނުވި ނަމަވެސް އެކަމުން އަންނަ އަހަރު 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
އޭގެ އިތުރުން ލެގޫން ލޭންޑް ކޮންސެޕްޓެއް ތައާރަފުކޮށް، ވަކި އުސޫލުތަކެއްގެ ތެރެއިން ރަށްރަށުގެ ފަޅުތައް ވެސް ބިމެކޭ އެއްގޮތަށް ތަރައްގީކުރުމަށް ހުޅުވާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރަށްރަށުގެ ފަޅުތައް ވެސް ބިމެކޭ އެއްގޮތަށް ތަރައްގީ ކުރުމަށް ހުޅުވާލެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އިރު، ރާއްޖޭގެ ބައެއް ރަށްރަށުގެ ފަޅުމަތީގައި ގެދޮރު އަޅައިގެން އުޅެވޭނެ (އޯވާ ވޯޓާ ލިވިން ކޮންސެޕްޓް) އެއް ތައްޔާރުކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު