ދައުލަތުގެ އާމްދަނީ 1.8 ޕަސެންޓުން އިތުރުވިއިރު، ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރި އަދަދުވެސް އިތުރުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލަ 30.879 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 30.342 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 1.8 ޕަސަންޓުގެ ކުރިއެރުމެކެވެ.
ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 5.8 ޕަސެންޓު އިތުރުވުމެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ 22.528 ބިލިއަން ރުފިޔާއިން 23.835 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
މާލީ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ހަފުތާގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އިންނެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޮކްޓޫބަރު އެކެއްގެ ނިޔަލަށް ޓީޖީއެސްޓީން އާމްދަނީގެ ގޮތުގައި 8.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 8.172 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 1.4 ޕަސެންޓުގެ ދަށްވުމެކެވެ. އަހަރުން އަހަރަށް ބަލާއިރު ކުޑަ ދަށްވުމެއް އައި ނަމަވެސް، ހަފުތާގެ ނިސްބަތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ޓީޖީއެސްޓީ އިންކަން ތަފާސްހިސާބުން އެނގެއެވެ.
މީގެ އިތުރުން، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 8.2 ޕަސަންޓު އިތުރުވެ، 1.529 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.412 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު އިތުރު އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކުން ވެސް ވަނީ ކުރިއެރުން ހޯދާފައެވެ. އެގޮތުން ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 21.2 ޕަސަންޓު އިތުރުވެ 5.782 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އިމްޕޯޓް ޑިއުޓީ ވަނީ 11.4 ޕަސަންޓު އިތުރުވެ 2.513 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) 2.8 ޕަސަންޓު އިތުރުވެ 4.132 ބިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ.
ޓެކްސް ނޫން އާމްދަނީގެ ތެރެއިން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ 8.1 ޕަސަންޓު އިތުރުވެ 1.552 ބިލިއަން ރުފިޔާއަށް އަދި މުދަލުން ލިބޭ އާމްދަނީ 13.5 ޕަސެންޓު އިތުރުވެ 1.948 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. އަދި ދައުލަތަށް ލިބުނު ހިލޭ އެހީ ވަނީ 84.7 ޕަސެންޓު އިތުރުވެ، 0.513 ބިލިއަން ރުފިޔާއަށް މަތިވެފައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 35.456 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 30.008 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 18.2 ޕަސެންޓުގެ އިތުރުވުމެކެވެ. ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗާ 18.5 ޕަސަންޓު އިތުރުވެ 30.653 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. އެގޮތުން މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު ވަނީ 14.1 ޕަސެންޓު އިތުރުވެ، 5.555 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
ހިންގުމުގެ އެހެނިހެން ހަރަދުތައް ވެސް ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު އިތުރުވެފައެވެ. އެގޮތުން އިދާރީ އަދި ހިންގުމުގެ ހަރަދުތައް 23.8 ޕަސެންޓު އިތުރުވެ 18.539 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ހިލޭ އެހީ އާއި ސަބްސިޑީއަށް ކުރި ހަރަދު ވަނީ 44.3 ޕަސެންޓު އިތުރުވެ 10.169 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މީގެ ތެރެއިން ސަބްސިޑީއަށް ކުރި ހަރަދު 75.1 ޕަސެންޓު އިތުރުވެ 4.203 ބިލިއަން ރުފިޔާއަށް އަދި އާސަންދައަށް ކުރި ހަރަދު 25.1 ޕަސެންޓު އިތުރުވެ 1.864 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ.
މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު ނުވަތަ ކެޕިޓަލް އެކްސްޕެންޑިޗާ ވަނީ 15.9 އިންސައްތަ އިތުރުވެ، 4.804 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށެވެ. އެގޮތުން ބިމާއި އިމާރާތް ކުރުމުގެ މަޝްރޫއުތަކަށް ކުރި ހަރަދު 34.1 ޕަސެންޓު އިތުރުވެ 1.453 ބިލިއަން ރުފިޔާއަށް، ފާލަމާއި ބަނދަރު ހެދުމަށް ކުރި ހަރަދު 38.4 ޕަސެންޓު އިތުރުވެ 0.333 ބިލިއަން ރުފިޔާއަށް، އަދި އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ކުރި ހަރަދު 37.5 ޕަސެންޓު އިތުރުވެ 0.945 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. މީގެ އިތުރުން ކެޕިޓަލް އިކުއިޕްމަންޓަށް ކުރި ހަރަދު ވެސް ވަނީ 19.6 ޕަސެންޓު އިތުރުވެފައެވެ.
އަލީ ޔާމިން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
ކޮމެންޓް