މިއަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 499 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން ނެރުނު އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާ ގޮތުން އޯގަސްޓު މަހުގެ ނިޔަލަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ އަދަދަކީ މިއަހަރު ތެރޭ ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ އިތުރު އަދަދެކެވެ. މިއަހަރު ތެރޭ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވަނީ 373 މިލިޔަން ރުފިޔާއެވެ.
އަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އަދަދަށްވުރެވެސް އިތުރުވެފައެވެ. މިދިޔަ އަހަރު ތެރޭ ހިލޭ އެހީގެގޮތުގައި ލިބިފައިވަނީ 252.4 މިލިޔަން ރުފިޔާއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ 8 މަސް ދުވަސްތެރޭ ދައުލަތަށް އާމްދަނިއާއި ހިލޭ އެހީގެގޮތުގައި 28.7 ބިލިޔަން ރުފިޔާވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީއާ އަޅައި ބަލާއިރު 6.2 ޕަސެންޓްގެ ކުރިއެރުމެކެވެ.
މި މުއްދަތުގެ ތެރޭގައި ދައުލަތުގެ އާމްދަނީއަށް ލިބުނު 1.69 ބިލިޔަން ރުފިޔާގެ ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށް ވެސް ބުނެފައިވެއެވެ.
މިމުއްދަތުގެ ތެރޭގައި ޓެކްސް އާމްދަނީ ވަނީ 20.61 ބިލިޔަން ރުފިޔާއިން، 22.35 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 8.5 ޕަސެންޓް ގެ އިތުރުވުމެކެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީން ބުނީ މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 30.86 ބިލިޔަން ރުފިޔާގައި ކަމަށެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުކުރި 26.38 ބިލިޔަން ރުފިޔާއާ އަޅައިބަލާއިރު 17 ޕަސެންޓް އިތުރު އަދަދެކެވެ. ރިކަރަންޓް ހަރަދު 18.6 ޕަސެންޓަށް އިތުރުވެ، 22.75 ބިލިޔަން ރުފިޔާއިން 26.98 ބިލިޔަން ރުފިޔާއަށް އުފުލިފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 6.9 ޕަސެންޓަށް އިތުރު ވެ 3.63 ބިލިޔަން ރުފިޔާއިން 3.88 ބިލިޔަން ރުފިޔާއަށް މަތިވެފައެވެ.
ނަމަވެސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ ޕްރައިމަރީ ސާޕްލަސް ނުވަތަ ދަރަންޏާއި އިންޓްރެސްޓް ނުހިމަނައި، އާމްދަނީ އާއި ހިލޭ އެހީ ހަރަދަށްވުރެ އިތުރުވި މިންވަރު ހުރީ 1.27 ބިލިޔަން ރުފިޔާގައެވެ. މިއީ އޭގެ ކުރީ އަހަރު ރެކޯޑު ކުރެވުނު 4.04 ބިލިޔަން ރުފިޔާގެ ޕްރައިމަރީ ސާޕްލަސްއާ އަޅައިބަލާއިރު 68.6 ޕަސެންޓް ދަށް އަދަދެކެވެ. ދަރަންޏާއި އިންޓްރެސްޓް ހިމެނޭހެން މުޅި ބަޖެޓުން 2.13 ބިލިޔަން ރުފިޔާގެ ޑެފިސިޓެއް ދައްކާއިރު، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ބަޖެޓުން ދެއްކީ 658.8 މިލިޔަން ރުފިޔާގެ ސާޕްލަސްއެކެވެ.
އިބްރާހިމް ޒަކީ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
ކޮމެންޓް