މާ ބޮޑަށް ހަރަދު ކުޑަކުރުމަކީ ނުވަތަ އިގްތިސޯދު ކޮންޓްރެކްޓް ކުރުމަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ދާއިމީ ގެއްލުންތަކެއް ވެ އިޖުތިމާއީ ރައްކާތެރިކަން ގެއްލި، ވެއްޓުނު އިގުތިސާދީ ވަޅުގަނޑު އިތުރަށް ފުންވެދާނެ ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވައި ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، މިއަހަރުގެ ބަޖެޓަށް ފައިސާ ހޯދަން ބަލާއިރު، އާމްދަނީއަށް ބޮޑު ލޮޅުމެއް އައިސްފައިވާ ކަމަށެވެ. އެގޮތުން 29.9 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް އަންދާޒާކުރި ނަމަވެސް މިހާރު ލިބޭނެ ކަމަށް ބެލެވެނީ 14.7 ބިލިއަން ރުފިޔާ ކަމަށް ވިދާޅުވި އެވެ.

މިއީ ފާސްކުރި ބަޖެޓުގައި އަންދާޒާކުރި މިންވަރަށްވުރެ 51 ޕަސެންޓް ދަށް އަދަދެއް ކަމަށާއި އަދި އެކަމުގެ ސަބަބުން މިއަހަރުގެ ބަޖެޓް 15.9 ބިލިއަން ރުފިޔާ އިން ޑެފިސިޓްވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ދައުލަތަކީ ފުރަބަންދުގެ ތެރޭގައި އިގްތިސާދުގައި ހަރަކާތްތެރި ވެވެން އޮތް ހަމައެކަނި މައިގަނޑު ފަރާތް. މާބޮޑަށް ހަރަދު ކުޑަކުރުމަކީ ނުވަތަ އިގްތިސާދު ކޮންޓްރެކްޓް ކުރުމަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ދާއިމީ ގެއްލުންތަކެއް ވެދާނެކަމެއް. އިޖުތިމާއީ ރައްކާތެރިކަން ގެއްލިދާނެ ކަމެއް. ވެއްޓުނު އިގުތިސާދީ ވަޅުގަނޑު އިތުރަށް ފުންވެދާނެ ކަމެއް. ފިސްކަލް ޕޮލިސީ އަކީ ގައުމުގެ އިގްތިސާދު ނެގެހެއްޓުމަށް އެހީތެރިވެވެން އޮތް އެންމެ މުހިއްމު ވަސީލަތް. އެހެންކަމުން މި ދަނޑިވަޅަކީ ކައުންޓާސިކްލިކަލް ފިސްކަލް ޕޮލިސީއެއް ދަމަހައްޓަން ޖެހޭ ދަނޑިވަޅެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، 2021 ވަނަ އަހަރާ ކުރިމަތިލަނީ، އިގްތިސޯދީ ތަދުމަޑުކަމެއްގެ ތެރޭގައި ފަހުން ކަންތައްވާނެ ގޮތަކާއި ދޭތެރޭ ޔަގީންކަން ކުޑަ ދަނޑިވަޅެއްގައި ޕޮލިސީ ޓްރޭޑް-އޯފް ހުރިކަން ދެނެތިބެގެން ކަމަށެވެ.

އޭގެ އިތުރުން އިގްތިސޯދީ އަދި ފިސްކަލް ސިޔާސަތުތައް ރޭވިފައިވަނީ ރާއްޖޭގެ އިންފްލޭޝަން އާއި އެކްސްޗޭންޖް ރޭޓަށް އަންނާނެ ބަދަލުތައް ދެނެތިބެ، ރަނގަޅު މިންގަނޑުތަކެއްގައި ހިފެހެއްޓުމަށް އަމާޒު ހިފައިގެން ކަމަށް ވިދާޅުވި އެވެ.

އެގޮތުން، ރާއްޖޭގެ އިންފްލޭޝަން މައްޗަށް ދިޔަ ނުދީ އެބަ ހިފެހެއްޓޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މިއަހަރު ރާއްޖޭގެ އިންފްލޭޝަން ޖުމުލަ ގޮތެއްގައި ދަނީ ދަށަށް ކަމަށެވެ. ސަބަބަކީ ތެލުގެ އަގު ދަށްވެފައި ވުމާއި ބާޒާރުގައި ޑިމާންޑު ދަށްވުމާއި ކޮވިޑް-19ގެ ޕޮލިސީ އެކްޝަންގެ ތެރެއިން ކަރަންޓު ބިލުންނާއި ފެން ބިލުތަކުން ޑިސްކައުންޓް ދީފައިވުން ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ހުންނާނެ ކަމަށް ބެލެވެނީ 3.6 ޕަސެންޓުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ދުނިޔޭގެ އިންފްލޭޝަން ރޭޓާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިންފްލޭޝަންއާ އަޅައިބަލާއިރު، ދަށް އަދަދެއް ކަމަށް ވެސް ވިދާޅުވި އެވެ.