އިތުރު ޓެލެކޮމް އޮޕަރޭޓަކަށް ލައިސަންސް ދޭން ނިންމައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން ހުށަހަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓަށް އާމްދަނީ އިތުރުކުރުމަށް ގިނަ ކަންތައްތަކެއް ހުށަހަޅާފައިވާއިރު، އެކަންކަމުން އަންނަ އަހަރު 1.2 ބިލިއަން ރުފިޔާ ހޯދޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އާމްދަނީ އިތުރުކުރުމަށާއި ސިޔާސަތުތަކަށް ބަދަލު ގެނައުމުގެ ގޮތުން އަންނަ އަހަރު އާމްދަނީގެ ބައެއް ސިޔާސަތުތަކަށް ބަދަލު ގެންނަން ރޭވިފައިވާ ކަމަށެވެ.

އެގޮތުން ދައުލަތަށް އާމްދަނީ އިތުރުކުރުމަށް އަންނަ އަހަރު ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމަށާއި އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ހުޅުވާލުމަށް ރޭވިފައިވާ ކަމަށް ވިދާޅުވި އެވެ. މިގޮތުން ޓެލެކޮމް ލައިސަންސް ފީއަށް ގެންނަ ބަދަލާއި ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނަގަން ފެށުމުން އަންނަ އަހަރުގެ ތެރޭގައި 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އިތުރު ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދޭން ނިންމާފައިވާއިރު ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ގާނޫނުގެ ބަހުސް މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އުރީދޫ އާއި ދިރާގުން އެކަށީގެންވާ ރަނގަޅު ހިދުމަތެއް ނުދެވޭ ކަމަށާއި އެ ދާއިރާއަށް އިތުރު ކުންފުންޏެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އޭރު އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި ގޮތުގައި ރާއްޖޭގެ މުވާސަލާތީ ހިދުމަތް ދޭން ނިންމާފައިވަނީ އިންޑިއާގެ ރިލަޔަންސް ކޮމިއުނިކޭޝަނަށެވެ. އަދި އެ ހުރިހާ ނިންމުމެއް ނިންމާފައިވަ ކަމަށް ވެސް އޭރު ބުންޏެވެ. ނަމަވެސް މިކަމާ ގުޅިގެން ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.