ުޔޫއެންޑީޕީ

އދ. އިން ހަދިޔާކުރި ގިނަ އަދަދެއްގެ ޕީީޕީއީ ދިވެހި ސަރުކާރާ ހަވާލުކޮށްފި

ކޮވިޑް-19 އިންޓަގްރޭޓެޑް ރެސްޕޯންސް ސަޕޯޓްގެ ދަށުން އދ. އިން ރާއްޖެއަށް ހަދިޔާކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެތަކެތި ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިސް އަކީކޯ ފޫޖީ އެވެ. އެ ތަކެއްޗާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ޔޫއެންޑީޕީން ހަދިޔާކުރި ޕީޕީއީގެ ތެރޭގައި ހިމެނެނީ 1080 ހެޒެމްޓް ސޫޓް، 10،080 އެން-95 މާސްކް، 5000 ސާޖިކަލް ގައުންސް، 6000 ސާޖިކަލް މާސްކު، 400 ގޮގްލްސް، 6000 ހެޑް ކަވާސް، 5000 ޝޫ ކަވާސް އަދި 2000 ފޭސް ޝީލްޑާއި 10،000 އެގްޒަމިނޭޝަން ގްލޯވްސް އެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިތަކެތި ބޭނުން ކުރާނީ ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށާއި އެބަލިން ރައްކާތެރިވުމަށް ފްރަންޓް ލައިންގައި މަސައްކަތްކުރާ ފަރާތްތަކުން ކަމަށެވެ.

ޕީޕީއީތަކުގެ އިތުރުން ޓިއޯޗިއު އިންޓަނޭޝަނަލް ފެޑެރޭޝަންގެ އެހީތެރިކަމާއެކު ހޯދާފައިވާ އެއް މިލިއަން ނަން-ސާޖިކަލް މާސްކު ވެސް މިއަދުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރާ ވަނީ ހަވާލުކޮށްފަ އެވެ.

މި މާސްކުތައް ބޭނުން ކުރާނީ ޔޫއެންޑީޕީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ތައްޔާރުކުރި ރެޕިޑް ލައިވްލިހުޑްސް އެސެސްމެންޓުގައިވާ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް، އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތުގައި، ގެސްޓްހައުސްތައް އޮޕަރޭޓްކުރުމުގައި ގެސްޓްހައުސްތަކުގެ މުވައްޒަފުންގެ ބޭނުމަށެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކީ ފޫޖީ ވަނީ ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށާއި އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ތައުރީފު ކުރައްވައިފަ އެވެ. އަދި ފަތުރުވެރި ކަމަށް އަލުން ހުޅުވާލާއިރު ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ޕީޕީއީތައް މުހިންމު ދައުރެއް އަދާކުރާނެކަން ފާހަގަކުރެއްވިއެވެ.