ކާރިސާތަކުން ލިބޭ ގެއްލުންތައް ރިޕޯޓުކުރުމާއި ތަފާސްހިސާބު ބެލެހެއްޓުން ޑިޖިޓަލްކޮށް، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން، 'ޑެމޭޖް އެސެސްމަންޓް އެންޑް ލޮސް އެނަލިސިސް' (ޑާލާ) ޕްލެޓްފޯމް އިފްތިތާހިކޮށްފިއެވެ.
ޖެން ހޮޓެލްގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި އެ ޕްލެޓްފޯމް އިފްތިތާހުކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.
"ޑާލާ" ޕްލެޓްފޯމަކީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސްގެ އެހީތެރިކަމާއެކު އިފްތިތާހުކުރި ޕްލެޓްފޯމެކެވެ.
އެންޑީއެމްއޭ އިން ބުނީ އެ ޕްލެޓްފޯމަކީމކާރިސާތަކުގައި ލިބޭ ގެއްލުންތައް ރިފޯޓުކުރުން ޑިޖިޓަލްކޮށް، ކާރިސާތަކާ ގުޅޭ ރިޕޯޓުތައް ތައްޔާރުކުރުމާއި ހެކީގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ނިޒާމު ހަރުދަނާކުރުމަށް ފަރުމާކޮށްފައިވާ ގައުމީ ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށެވެ.
އެ ޕްލެޓްފޯމްގެ ސަބަބުން، މީގެ ކުރިން މެނުއަލްކޮށް ކުރަމުންދިޔަ ކާރިސާތަކުގެ ގެއްލުން ވަޒަންކުރުމުގެ މަސައްކަތް ފަސޭހަ، ރައްކާތެރި އަދި ގުޅިފައިވާ ޑިޖިޓަލް ނިޒާމަކަށް ބަދަލުވެގެންދާނެ ކަމަށާއި އެގޮތުން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކާރިސާތަކުގެ މައުލޫމާތު ކަމާގުޅޭ މުއައްސަސާތަކަށް ރިޕޯޓުކުރެވޭނެ ކަމަށެވެ. އަދި ލިބުނު ގެއްލުންތަކުގެ ހިސާބުތައް އޮޓޮމެޓިކުން ތައްޔާރުކުރުމާއި ގެއްލުން ވަޒަންކުރުމުގެ ސައްހަކަން އިތުރުވެ އަވަސްވެގެންދާނެ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އެންޑީއެމްއޭ އިން ބުނީ އެ ބަދަލާއެކު އެންމެ ބޮޑު ފަސޭހަކަމެއް ލިބޭނީ، ކާރިސާތަކާ ގުޅިގެން އެހީތެރިކަމަށް އެދޭ ފަރާތްތަކަށް ކަމަށާއި އެގޮތުން ފަސޭހަކަމާއެކު ޕޯޓަލް މެދުވެރިކޮށް އެހީއަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި އެހީގެ ކަންކަން ކުރިއަށްދާގޮތާއި ހުށަހަޅާފައިވާ މައުލޫމާތު ބަދަލުކުރުން ފަދަ ކަންކަމާ ގުޅޭ މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް އެ ފަރާތްތަކަށް ލިބޭނެ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އޭގެ ސަބަބުން ކާރިސާތަކުގެ އަސަރުތައް ފުންކޮށް ދެނެގަނެވި، އެހީތެރިކަން ބޭނުންވާ ދާއިރާތަކަށް އަމާޒުކޮށްގެން ފިޔަވަޅު އެޅުމަށާއި، ރޭވުންތެރިކަން އިތުރުކުރުމާއި، އަދި ހަމަހަމަކަމާއެކު އިއާދަކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އެންޑީއެމްއޭގެ ޗީފް އެކްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ މިއަދު ލޯންޗުކުރި "ޑާލާ" ޕްލެޓްފޯމްއަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވާ 2.0 ގެ ދަށުން، އެންޑީއެމްއޭގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކަމަށެވެ.
ހިސާން ވިދާޅުވީ އެ ޕްލެޓްފޯމުގެ އެކްސެސް އަތޮޅުތަކުގެ ހުރިހާ ކައުންސިލުތަކަށް ދީފައިވާ ކަމަށާއި އެ ޕްލެޓްފޯމްގެ އެންމެ ހިތްހަމަޖެހޭ އެއް މަސައްކަތަކީ ކާރިސާތަކުގައި ލިބޭ ގެއްލުމުގެ ތަފްސީލާއި އަދި އެކަމުގެ ބަދަލުގެ އެހީގެ ގޮތުގައި ލިބޭ މައުލޫމާތުގެ ތަފްސީލު ވަގުތުން ލިބުން ކަމަށެވެ. އަދި ވަގުތުން ބަލަން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް އޭގެ ތަފްސީލު ފެންނާނެ ކަމަށް ވިދާޅުވިއެވެ.
"މައުލޫމާތުތައް ފޮނުވާ ދިމަދިމާލާއި އޭގެ އަދާހަމަ ވަގުތުން ފެނިގެންދާނެ. އެންޑީއެމްއޭއިން މި ކަންކަން ޕްރޮސެސްކޮށްފައި އަދި ފިނޭންސާއި ކައުންސިލުތަކަށް އެހީދިނުމުގެ މަރުހަލާ ވަގުތުން ހުރިހާ ރައްޔިތުންނަށާއި ކައުންސިލުތަކަށް ފެނިގެންދާނެ،" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ އެކަމުގެ ސަބަބުން ވިލުންތެރި ރާއްޖެއާ ދިމާލަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ފެނިގެންދާނެ ކަމަށާއި އެ މަސައްކަތްތަކީ އިންސާނީ އެހީ ދެފުށްފެންނަ މަސައްކަތަކަށްވުމުން ރައްޔިތުން އެންޑީއެމްއޭއަށް ކުރާ އިތުބާރު ބޮޑުވާނެ ކަމަށެވެ.
ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އަދުނާން ކީމާ ވިދާޅުވީ އެންޑީއެމްއޭ އާއެކު ކުރެވުނު އެ މަސައްކަތުގެ މަގުސަދަކީ ގައުމީ ނިޒާމުތައް ހަރުދަނާކޮށް، މުއައްސަސާތަކުން އިތުބާރާއި ސާފުކަމާއެކު އިސްނަގައިގެން މަސައްކަތްކުރުން ކަށަވަރުކުރުން ކަމަށެވެ.
"ޑާލާ ޕޯޓަލްއަކީ ހަމައެކަނި ޑިޖިޓަލް ނިޒާމެއް ނޫން. މިއީ ފުރާނަ ސަލާމަތްކުރުމަށާއި، އާމްދަނީ ލިބޭ މަގުތައް ރައްކާތެރިކުރުމަށާއި، އަދި މުޖުތަމައުތައް އަވަހަށް އިއާދަވުމަށް އެހީތެރިވެދޭނެ ވަސީލަތެއް. ވިސްނުންތެރި ހައްލުތަކާއި ހަރުދަނާ މުއައްސަސާތަކާއި، އަދި ހަގީގީ ނަތީޖާ ނެރެދޭ ބައިވެރިވުންތައް މެދުވެރިކޮށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޔޫއެންޑީޕީ ދެމިއޮންނާނެ،" އަދުނާން ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ސަފޫރާއާއި ޔޫއެންޑީޕީ މޯލްޑިވްސްގެ ރެޕްރެސެންޓޭޓިވް އަދުނާނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފާތިމަތު ލިއުޝާ
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް