ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އާއެކު ސޮއިކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި މިއީ ޕީޖީ އޮފީހުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، މުއައްސަސާގެ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމާއެކު، ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މިކަމާ ގުޅޭ އެމްއޯޔޫގައި ސޮއިކުރެއްވީ ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފާއި، ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އެންރިކޯ ގަވޭލިއާ އެވެ.
ޕީޖީ އޮފީހުން ބުނީ، އެ އޮފީހުގެ މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތް ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރުމަކީ އެ އޮފީހުން ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.
"މިއީ ދައުލަތުގެ ހެކިންނާއި އަނިޔާގެ ޝިކާރައަށްވީ މީހުންނަށް އެހީތެރިކަން ދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ގާއިމުކޮށްފައިވާ ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ޔުނިޓް (ޑަބްލިއުވީއެސްޔޫ) ގެ ވަރަށް ރަނގަޅު އިސްނެންގެވުމެއް. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލުގެ ދުޅަހެޔޮކަމަށް ވަރަށް ރަނގަޅު ހެޔޮ ބަދަލެއް އަންނާނެކަމާމެދު ޝައްކެއް ނެތް،" ޕީޖީ އައްބާސް ވިދާޅުވިއެވެ.
ޕީޖީ އޮފީހުން ކުރިއަށްއޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި، އޮފީހުގެ މަސައްކަތުގެ މާހައުލުގެ ދުޅަހެޔޮކަމާއި މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، މުހިންމު ކަންތައްތަކެއް ކުރުމަށް ހިމަނާފައިވެއެވެ.
އެކަމުގެ މަގުސަދަކީ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި އަޅާލުމުގެ ސަގާފަތެއް އާލާކުރުމާއި މުވައްޒަފުންގެ މަސައްކަތާއި ހިދުމަތުގެ ފެންވަރު މަތިކުރުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް