ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ބައެއް ސާމާނު ފުލުހުންނަށް ހަދިޔާކޮށްފިއެވެ.

އެ ތަކެތި ފުލުހުންނާ ހަވާލުކުރީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް ގުޅިގެންނެވެ.

އެ ތަކެތި ހަވާލުކުރުމަށް އިސްކަންދަރު ބިލްޑިންގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީނާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި، އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަނާއި، އެންޑީއެމްއޭ އަދި ޔޫއެންޑީޕީ މޯލްޑިވްސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަަނަރު ނަވީން ވަނީ 2004 ޑިސެމްބަރު 26 ގައި ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާން އައުކުރައްވައި އެ ދުވަހު ފުލުހުންގެ ތެރޭގައި މަސައްކަތްކުރެއްވި ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވައިފައެވެ. އަދި ކާރިސާތަކާއި ހާދިސާތަކުގައި ފުލުހުން ކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުން އެންޑީއެމްއޭ އާއި ޔޫއެންޑީޕީގެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި އެންޑީއެމްއޭ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، ފުލުހުންނަށް އެ ތަކެތި ހޯދައިދިނުމުގެ ބޭނުމަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ. އަދި ފުލުހުންނަކީ ރަށްރަށުގައި ގާއިމުވެ ތިބެ، މުޖުތަމައުތަކާ އެންމެ ގާތުން މަސައްކަތްކުރާ އަދި ކާރިސާތަކުގައި އެންމެ ފުރަތަމަ އިޖާބަދޭ އެއް މުއައްސަސާއަށް ވީހިނދު، ހަވާލުކުރެވުނު އާލާތްތަކުގެ ސަބަބުން، ކުއްލި ހާލަތްތަކުގައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް ރަށު ފެންވަރުގައި އެޅުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޖުމުލަ 2.6 މިލިއަން ރުފިޔާގެ އަގުހުރި އެ އެހީގެ ދަށުން ފަސް ދާއިރާއަކުން 2064 އައިޓަމް ފުލުހުންނަށް ވަނީ ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި، އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނާއި، ޕަމްޕު އަދި ކަރަންޓު އާލާތްތަކާއި، ކަނޑުމަތީގެ ސަލާމަތާއި ރެސްކިއު ގިއަރު، ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ސާމާނާއި، ފީލްޑް އޮޕަރޭޝަންސް އަދި ސަޕޯޓް އިކުއިޕްމަންޓްގެ އިތުރުން މީހާގެ ރައްކާތެރިކަމަށް ބޭނުންކުރާ ސާމާނު (ޕީޕީއީ) ހިމެނެއެވެ.

ފުލުހުން ބުނީ އެ ތަކެއްޗަކީ ޔޫއެންޑީޕީ ފަންޑިން ވިންޑޯސްގެ "ރިޑްސް އިން ސިޑްސް" މަޝްރޫއުގެ ދަށުން ޑެންމާކް، ލަގްޒެމްބާގް އަދި ދެކުނު ކޮރެއާ ސަރުކާރުގެ އެހީއާއެކު ފޯރުކޮށްދިން ތަކެތި ކަމަށެވެ. އެ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މޫސުމީ ބަދަލުތަކަށް ރާއްޖެ ހާނުވައި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާއިރު ކާރިސީ ހިރާސް ކުޑަކުރުމަށް ބާރުއަޅައި، ގައުމީ ފެންވަރުގައި ވިލުންވެރިކަން އިތުރުކުރުން ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ކާރިސާގެ ހާލަތްތަކުގައި އިޖާބަދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުގެ ހުނަރާއި ވަސީލަތްތައް އިތުރުކުރުމަށް އެ މަޝްރޫއުން ބޮޑު އިސްކަމެއްދޭ ކަމަށް ފުލުހުން ބުންޏެވެ.

ޔޫއެންޑީޕީން ފާހަގަކުރާގޮތުގައި އެ އެހީތެރިކަމަކީ ރާއްޖޭގެ ރަށްތަކަށް ކުރިމަތިވާ މޫސުމީ ކާރިސާތަކުގެ ހިރާސް ކުޑަކުރުމާއި، އިންޒާރުދޭ ނިޒާމުތައް ކުރިއާލައި ވަރުގަދަކުރުމާއި، ކާރިސާތަކަށް އިޖާބަދިނުމުގެ އިންތިޒާމުތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.