ރާއްޖޭގެ ތަރައްގީ ބައްޓަންކުރުމުގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމު (ޔޫއެންޑީޕީ) އަކީ މުހިންމު ބައިވެރިއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޔޫއެންޑީޕީ އާއި ރާއްޖޭގެ ގުޅުމަށް 45 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށާއި ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ޔޫއެންޑީޕީން މުހިންމު އެއްބާރުލުމެއް ދީފައިވާ ކަމަށެވެ.
"ރާއްޖޭގައި ޔޫއެންޑީޕީން 1978 ވަނަ އަހަރު ހަރަކާތްތެރިވާން ފެށި ފަހުން، ދެމެހެއްޓެނިވި ތަރައްގީއާ ދިމާއަށް ރާއްޖެ ކުރި ދަތުރުގައި ބޮޑު ދައުރެއް އަދާކުރި. ތަރައްގީ ނުވާ ގައުމުތަކުގެ ލިސްޓުން އަރައިގަތުމަށް ޔޫއެންޑީޕީގެ ތަޖުރިބާކާރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަރައްގީގެ އަސާސީ ބޭނުންތަކުގެ އިތުރުން މޫސުމީ މައްސަލަތަކާއި، އިގުތިސާދާއި އިޖުތިމާއީ ކުރިއެރުމާއި، އަންހެނުން ބާރުވެރިކުރުމާއި، ހެޔޮ ވެރިކަމާއި، މުއައްސަސާތައް އިސްލާހުކުރުމަށް ވެސް ޔޫއެންޑީޕީން ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށެވެ. އަދި ގޮންޖެހުންތަކާ ކުރިމަތިލައި، ކާމިޔާބީތައް ފާހަގަކޮށް ރާއްޖެއަށް އުޖާލާ މުސްތަގުބަލެއްގެ މަގު ހުޅުވުނީ ޔޫއެންޑީޕީގެ ވެސް ހިއްސާއާއެކު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ޑިޖިޓަލް އިކޮނޮމީ އާއި ތަރައްގީއަށް މަސައްކަތްކޮށް، 2040 ގެ ކުރިން އެންމެ ތަރައްގީވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނުމުގެ އަމާޒާއެކު. މި އަމާޒު ހާސިލުކުރުމަށް ޔޫއެންޑީޕީގެ އެއްބާރުލުން ބޭނުންވާނެ. 20 އަހަރުގެ ތަރައްގީގެ ޕްލޭނާއި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުލަވާލުމަށް ވެސް ޔޫއެންޑީޕީގެ އެހީ ފާހަގަކޮށްލެވޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ އދ. އިން ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ކުރިއެރުމަށް ދިން އެހީތެރިކަމަށް ވެސް ޝުކުރު އަދާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު