މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ، ތިލަމާލެ ބްރިޖު މަޝްރޫއަށް އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމުގައި، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ ރާއްޖެއަށް ކުރައްވާ ދަތުރުގައި ސޮއިކުރައްވާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެފި އެވެ.
ތިލަމާލެ ބުރިޖް މަޝްރޫއަށް އިންޑިއާ ސަރުކާރުން ޖުމްލަ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ އެހީއެއް ދޭން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ)ގެ ލޯން ކޮމްޕޯނަންޓަކާއި 100 މިލިއަން ޑޮަލަރު (1.5 ބިލިއަން ރުފިޔާ)ގެ ގްރާންޓް (ހިލޭ އެހީ) ގެ ކޮމްޕޯނަންޓެކެވެ. މީގެ ތެރެއިން 400 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކަން 20 އަހަރުގެ މުއްދަތެއް ދީފައިވާ އިރު، ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ފަސް އަހަރު ފަހުންނެވެ. މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސެންޓެވެ.
އިންޑިއާ ހައި ކޮމިޝަނުން ބުނީ، އެގައުމުގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް މިއަދު ކުރައްވާ ދަތުރުގައި ހިމެނިގެންދާނެ ކަމަށް ބެލެވޭ ކަންތައްތަކުގެ ތެރޭގައި ގްރޭޓާ މާލޭ ކަނެކްޓިވިޓީ މަޝްރޫއު ފައިނޭންސް ކުރުމުގެ ބައެއް ކަމުގައިވާ 100 މިލިއަން ޑޮލަރުގެ ގްރާންޓް އެގްރީމެންޓެއްގައި ދިވެހި ސަރުކާރާއެކު ސޮއިކުރުން ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައި-އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) އާ ގުޅޭ ދެ އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާއިރު، ރާއްޖޭގެ 67 ރަށެއްގައި ގާއިމްކުރާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ އާލާތްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވެސް އިންޑިއާގެ ފޮރިން ސެކްރެޓަރީ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދުގެ ދައުވަތަކަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ކުރައްވާ ތިން ދުވަހުގެ މި ދަތުރަކީ ޖަނަވަރީ 29 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
މި ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވާނެ އެވެ.
އެބޭފުޅުންގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަަސްލަމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާ ވެސް އިންޑިއާގެ ފޮރިން ސެކްރެޓަރީ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފަ އެވެ.