އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭން ތަންފީޒު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ މިއަދު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި ހިޔާލު ބަދަލުކުރައްވައި މަޝްވަރާކުރެއްވުމަށްފަހު ވަޒީރުންގެ ލަފާފުޅާއެކުގައެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖޭގައި ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލާނެކަން ރައީސް އިއުލާނުކުރައްވާފައި ވަނީ އދ.ގެ އާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ބޭއްވި ކްލައިމެޓް ސަމިޓުގައެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި އަދި ބޭނުންކުރުން 2023 ގެ ނިޔަލަށް ހުއްޓާލުމަށްޓަކައި އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ "ސިންގަލް ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" އެއް އެކުލަވާލައިފައެވެ. މީގެ އިތުރުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގެ "ޖަޒީރާ ދިރިއުޅުން" ބައިގެ "ކުންޏަކީ ވަސީލަތަކަށް ހެދުން" މި ދާއިރާގެ ދަށުން އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު މަދުކުރުމުގައި އަމަލުކުރާނެ ސިޔާސަތުތައް ވަނީ ކަނޑައަޅައިފައެވެ.

މި ނިންމުމާ ގުޅިގެން ރާއްޖެއަށް މިހާރު އެތެރެކުރާ ޕުލާސްޓިކުގެ ބައެއް ބާވަތްތައް އެތެރެކުރުން ހުއްޓައިލެވޭނެއެވެ. އަދި ރާއްޖޭގައި ކުނީގެ ގޮތުގައި އުފައްދާ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކުގެ މިންވަރު މަދުކޮށް މި ބާވަތުގެ ކުނީގެ ސަބަބުން ވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރެވިގެންދާނެއެވެ.