ވ. ރަކީދޫ ކައުންސިލްގެ ވަގުތީ އެސްޖީގެ މަގާމުގައި 2024 ވަނަ އަހަރު ހުރި މުވައްޒަފު، މާލީ ގަވާއިދުތަކާ ހިލާފަށް އޭނާގެ މުސާރައިގެ އިތުރުން އެހެން މުސާރައަކާއި ކައުންސިލްގެ އެކި ފައިސާތަކެއް އަމިއްލަ އެކައުންޓަށް ޖަމާކޮށްގެން ނަގާފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓް އޮފީހުން އިއްޔެ ނެރުނު އެ ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކައުންސިލްގެ އިސްވެރިންގެ ހުއްދައާ އެކު މިސްކިތު ވަޒީފާގެ ނަމުގައި ވަގުތީ އެސްޖީ ވަނީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 337،600 ރުފިޔާ ނަގައިފައެވެ.

އެގޮތުން 2022 އިން 2025 އަށް ކޮންމެ އަހަރަކު ވެސް އޭނާގެ އެކައުންޓަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށްފައިވެ އެވެ. ރިޕޯޓުގައި ބުނެފައިވަނީ "މިސްކިތު ވޭޖް" ގެ ގޮތުގައި މި ފައިސާ ނަގާފައިވީ ނަމަވެސް، އޭނާ އެއްވެސް މަސައްކަތެއް ކުރިކަން ނުވަތަ މުސާރަ ހިސާބުކުރި ގޮތް އެނގޭނެ އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށެވެ. އަދި އެ ދުވަސްވަރު މިސްކިތު މަސައްކަތަށް ހާއްސަކޮށް "ކައުންސިލް އެސިސްޓެންޓް" އެއް ހުރިކަން ވެސް އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އެކި ފަރާތްތަކަށް ކައުންސިލުން ދައްކަންޖެހޭ ފައިސާގެ ތެރެއިން 79،771 ރުފިޔާ ވެސް އެ މުވައްޒަފުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް އޮޑިޓުގައިވެއެވެ. އަދި އެ ފައިސާ ހައްގުވެރިންނަށް ރައްދުކުރި ކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ރަކީދޫ ކައުންސިލްގެ އިސްލާހުކުރަންޖެހޭ ނުވަކަމެއް ފާހަގަކޮށް ނެރުނު މި ރިޕޯޓުގައި، ވަގުތީ އެސްޖީ ނެގި ފައިސާތައް އަނބުރާ ހޯދުމަށާއި، ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިގެން ތަހުގީގު ކުރުމަށް އޮޑިޓަ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ.