ސައްހަ ނޫން ޓީޓީ ފޮނުވައިގެން މަކަރާއި ހީލަތުން ބޭރުން މުދާ އެތެރެކުރި މައްސަލައިގައި ހުސެއިން ޝިފާއުއަށް ކުރިމިނަލް ކޯޓުން އިއްވި 109 އަހަރުގެ ޖަލު ހުކުމަކީ ތަންފީޒުނުކުރެވޭނެ އަދަބެއް ކަމަށާއި، އެއީ ގާނޫނުލްއުގޫބާތު ތަސައްވަރުކުރާ ގޮތެއް ނޫންކަމަށް އޭނާގެ ވަކީލު، ހުސްނުއްސުއޫދު ހައި ކޯޓުގައި ވިދާޅުވެއްޖެއެވެ.
ކިންގްޑަމް އޮފް ފުރުޓްސް ވިޔަފާރި މެދުވެރިކޮށް ހިންގި އެ މުއާމަލާތްތަކާ ގުޅިގެން ޝިފާއުގެ މައްޗަށް ސާބިތުވި 23 ދައުވާއަކީ ސައްހަ ނޫން ލިޔުން ދިނުމުގެ ނުވަ ދައުވާއާއި، މަކަރާއި ހީލަތުގެ ހަތް ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ހަތް ދައުވާއެވެ. އެ ކުށްތަކަށް މިދިޔަ ޑިސެމްބަރު މަހު 109 އަހަރާއި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމަކާއެކު ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ކޯޓުން ކަނޑައެޅިއެވެ. ހުކުމް ތަންފީޒުކުރުމުގައި ލުޔެއް ނުދިނުމަށް އޭރު ނިންމި ނަމަވެސް، ސިއްހީ ސަބަބުތަކަށްޓަކައި ޝިފާއު މިހާރު ވަނީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައެވެ.
ހައި ކޯޓުގައި މި މައްސަލަ އިސްތިއުނާފުކޮށް ވާހަކަދައްކަވަމުން، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ސުއޫދު ފާހަގަކުރެއްވީ، އެއް މީހެއްގެ މައްޗަށް ގިނަ ކުށްތަކެއް ސާބިތުވުމުން އަދަބުގެ ބައިކުޅަބައި ކަނޑައަޅާ ގާނޫނުލްއުގޫބާތުގެ 1006 ވަނަ މާއްދާ ދަށު ކޯޓުން މާނަކުރީ ގޯސްކޮށް ކަމަށެވެ.
އެގޮތުން، މީހުން މެރުމާއި މަސްތުވާތަކެތީގެ އެންމެ ބޮޑެތި ކުށްތަކަށްވެސް އޮންނަނީ 25 އަހަރުގެ އަދަބެއްކަން ފާހަގަކުރައްވައި ސުއޫދު ވިދާޅުވީ، ބުއްދި ގަބޫލުނުކުރާ މިންވަރަށް އަދަބު ދިގުވެގެން ދިޔައީ ގާނޫނު ރަނގަޅަށް ތަތުބީގު ނުކުރުމުން ކަމަށެވެ.
ބޭރުގެ ބައެއް ގައުމުތަކުގައި 900 ނުވަތަ 1000 އަހަރުގެ ހުކުމް އިއްވުމަކީ ހަމައެކަނި "ހެޑްލައިން" ހެދުން ފަދަ ކަމެއްކަމަށާއި، އަމަލީ ގޮތުން އެއްވެސް ފައިދާއެއް ނެތް ކަންކަން ރާއްޖޭގައި ނަމޫނާއަކަށް ބަލަން ނުޖެހޭނެކަމަށް ވިދާޅުވެ، އަލުން އަދަބު ކަނޑައަޅަން މައްސަލަ އަނބުރާ ކުރިމިނަލް ކޯޓަށް ފޮނުވައިދިނުމަށް ސުއޫދު އެދިވަޑައިގެންނެވިއެވެ.
ސުއޫދުގެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލު ހައްވާ ނާހީ ވިދާޅުވީ، ކުށްވެރިޔާ ގިނަ ކުށްތަކެއް ކޮށްފައިވާ ހާލަތުގައި އަދަބުން މިންޖުވުމަކީ ގާނޫނުގެ މަގުސަދު ނޫން ކަމަށެވެ. އަދި ޝިފާއުގެ މައްޗަށް ދައުވާތައް ވަކިވަކިން ހުށަހެޅި ނަމަވެސް، ނުކުންނާނީ ހަމަ މި ނަތީޖާ ކަމަށް ވާތީ، ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތްކަމަށް ދައުލަތުން ފާހަގަކުރިއެވެ.
ޝިފާއު 109 އަހަރަށް ޝިފާއު ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ.
ޝިފާއުގެ މައްޗަށްކުރި މަނީ ލޯންޑަރިންގެ ހަތް ދައުވާގެ އަދަބެއްގެ ގޮތުގައި އޭނާ 70 އަހަރަށް ޖަލަށްލުމަށް ގާޒީ ހުކުމްކުރެއްވިއެވެ. މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާގެ އަދަބެއްގެ ގޮތުގައި 30 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު ސައްހަނޫން ލިޔުމެއް އުފެއްދިކަމުގެ ދައުވާގެ އަދަބެއްގެ ގޮތުގައި ޝިފާއު ނުވަ އަހަރަށް ޖަލަށްލުމަށް ގާޒީ ހުކުމްކުރެއްވިއެވެ.
ޖަލު ހުކުމުގެ އިތުރުން ޝިފާއު ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް ގާޒީވަނީ ހުކުމް ކުރައްވައިފައެވެ.
އެ ހުކުމާ ގުޅިގެން ޝިފާއުގެ ފަރާތުން އެދުނީ ހުކުމެއް ނުވަތަ ހުކުމެއް ވަކި މުއްދަތެއް ގޭ ބަންދަށް ބަދަލުކޮށް ދިނުމަށެވެ. އަދި މި މައްސަލަތައް ފިޔަވައި އޭނާގެ އިތުރު ކުށުގެ ރިކޯޑެއްނެތްކަންވެސް ފާހަގަކުރެއްވިއެވެ.
އޭނާގެ ފަރާތުން ބުނެފައިވަނީ މި މައްސަލައިގައި ގެއްލުންވި ފަރާތްތަކަށް ބަދަލުދެވޭނީވެސް ގޭ ބަންދުގައި ހުރެގެން ކަމަށާއި އޭނާއަކީ އާއިލާގެ ކަންކަމާވެސް ޒިންމާވެ ހުންނެވި ފަރާތް ކަމަށެވެ.
ވަގު ޓީޓީ ފޮނުވައިގެން ރާއްޖެއަށް މޭވާ އާއި ތަރުކާރީ އެތެރެކުރި މައްސަލައިގައި ފުލުހުން ޝިފާއު ހައްޔަރުކުރީ 2023 ވަނަ އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 30 ދުވަހެވެ. ނަމަވެސް ދެވަނަ ފަހަރަށް ބަންދާ މެދު ގޮތެއް ނިންމަން އެ އަހަރުގެ މެއި 27 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބަންދުން ދޫކޮށްލިއެވެ.
ކުރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފުކުރަން ދައުލަތުން ހައިކޯޓަށް ހުށަހެޅި އިރު، ޝިފާއު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އެހެންވެ ފުލުހުން އޭނާ ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރުނެވެ.
އޭނާ އެ ފަހުން ރާއްޖެ އައުމުން އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފައެވެ. ކުރިމިނަލް ކޯޓުން ޝިފާއުގެ ޕާސްޕޯޓް ހިފެހެއްޓީ އޭނާގެ މައްސަލަތައް ކޯޓަށް ހުށަހަޅާފައިވަނިކޮށް ކޯޓުގެ ހުއްދަނެތި ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުމުގެ ސަބަބުންނެވެ. ޕާސްޕޯޓް ދޫކޮށްލަދިނުމަށް ޝިފާއުގެ ފަރާތުން އެދުނު ނަމަވެސް ކުރިމިނަލް ކޯޓުން ޕާސްޕޯޓް ދޫކުރުމުގެ އަމުރެއް ނެރެދީފައިނުވެއެވެ. ޕާސްޕޯޓް ދޫކޮށްލައި ދިނުމަށް ޝިފާއުގެ ފަރާތުން އެދިފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު ބޭއްވި މައްސަލައިގެ އަޑުއެހުމުގައެވެ. އެ ޝަރީއަތުގައި ދައުލަތުންވެސް ވަނީ ޝިފާއުގެ ޕާސްޕޯޓް ދޫކޮށްލަ ދިނުމުގެ އަމުރެއް ނެރެދިނުމަށް އިއުތިރާޒުކޮށްފައެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ނިމެން ކައިރިވެ، ހުލާސާ ބަޔާން އިއްވައި ހިސާބަށް ގޮސްފައިވަނިކޮށް، ދައުލަތާއި ޝިފާއުއާ ދެމެދު ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. އެ އެއްބަސްވުމުގައިވާ ގޮތުން ދައުލަތުން ޝިފާއުގެ މައްޗަށް ކޮށްފައިވާ 23 ދައުވާގެ ތެރެއިން ހަތް ދައުވާއެއް އަނބުރާ ގެންދާނެއެވެ. އެއްބަސްވުމުގައިވާ ގޮތުން އެ ދައުވާތަކުގެ ތެރޭގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް އުފެއްދި ކަމުގެ ކުށުގައި ކުރާ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާތައް ހިމެނެއެވެ. ޝިފާއުގެ މައްޗަށް އެއްބަސްވުމުގައިވާ ގޮތުން ކުރާނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއެވެ. އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާގެ އަދަބެއްގެ ގޮތުގައި ޝިފާއުއަށް އަންނާނީ 88 ދުވަހުގެ ޖަލު ހުކުމަކާއި 184،600 ރުފިޔާގެ ޖޫރިމަނާގެ އަދަބެކެވެ.
މި މައްސަލައާ ގުޅިގެން ޝިފާއު ބަންދުގައި 88 ދުވަހަށްވުރެ ގިނަ ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ، އެ ހުކުމާއެކު ޝިފާއު މިނިވަންވާނެއެވެ. އެހެންކަމުން އޭނާ ތަންފީޒު ކުރަންޖެހޭނެ އަދަބަކީ 184،600 ރުފިޔާގެ ޖޫރިމަނާގެ އަދަބެކެވެ.
އެ އިއުތިރާފުގެ އެއްބަސްވުން ޝަރީއަތަށް ހުށަހެޅުމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެފައިވަނީ އެ އެއްބަސްވުމަކީ މި މައްސަލައާ ގުޅިގެން ދައުވާކުރާ ކުށްތަކާއި މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްގެން ހަދައިފައިވާ އެއްބަސްވުމެއް ނޫންކަން ފާހަގަކުރެވޭ ކަމަށެވެ. އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު މި މައްސަލައިގެ ގެއްލުންވި ފަރާތްތަކަށް ޝިފާއުގެ ފަރާތުން ބަދަލުދިނުމަށް ހަމަޖެހިފައިވާކަންވެސް ނޭނގޭކަމަށް ގާޒީ ވިދާޅުވެފައިވެއެވެ.
އެހެންވެ ގާޒީ ނިންމެވީ ދައުލަތާއި ޝިފާއުއާ ދެމެދު ހަދައިފައިވާ އެ އިއުތިރާފުގެ އެއްބަސްވުން ބަލައިގަތުމުގެ ބަދަލުގައި ހުލާސާ ބަޔާން ހުށަހެޅުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމަށެވެ.
ޝިފާއުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ގިނަ ދައުވާތަކެއް ކުރާއިރު އޭނާ "ނަލަހިޔާ ރެސިޑެންސް 3 އޭ" ކުލި ނުދައްކާތީ ސިވިލް ކޯޓުން ވަނީ ކުލީގެ ގޮތުގައި 206،237 ރުފިޔާ ދެއްކުމަށް ޝިފާއުގެ މައްޗަށް 29 ޖޫން 2024 ގައި ހުކުމްކޮށްފައެވެ.
ޝިފާއުއަށް މި ސަރުކާރުން ސިޔާސީ މަގާމެއްވެސް ދިނެވެ. އެގޮތުން އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި އޭނާ ހުއްޓައި، މީޑިއާއިން އޭނާއާ ގުޅޭ ވާހަކަ ފެންމަތިކުރުމުން އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
މުހައްމަދު އިޝާން
ހުސްނުއްސުއޫދު
ހުސްނުއްސުއޫދު
ހުސްނުއްސުއޫދު
ކޮމެންޓް