ގެސްޓް ހައުސްތައް ބަންދުކޮށްފައި ހުރުމަށްފަހު އަލުން ހުޅުވަން ހުއްދަ ދިން ފަހުން މިއަދުގެ ނިޔަލަށް 61 ގެސްޓް ހައުސް އަކަށް ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދޫކޮށްފި އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ ބޯޑަރު މާޗް 27 ގައި ބަންދުކުރުމަށްފަހު އަލުން ހުޅުވާލީ ޖުލައި 15 ގައެވެ. ނަމަވެސް ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ 15 އިން ފެށިގެންނެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދުގެ ނިޔަލަށް 61 ގެސްޓް ހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދީފަ އެވެ. އެއީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ ހިމެނޭ ގޮތަށް 16 ރަށަކުންނެވެ.
މިހާތަނަށް އެންމެ ގިނަ ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައިވަނީ ކ. މާފުށްޓާއި އެ އަތޮޅު ހުރާ އަދި އއ. ތޮއްޑޫގަ އެވެ. މިހާތަނަށް، އަލުން ހުޅުވަން ހުއްދަ ދިން ގެސްޓް ހައުސްތަކާއެކު 1427 ޓޫރިސްޓު އެނދު އޮޕަރޭޝަނަށް އަންނާނެ އެވެ.
- ކ. މާފުށިން 10 ގެސްޓް ހައުސް
- އއ. ތޮއްޑޫން ނުވަ ގެސްޓް ހައުސް
- ކ. ހުރާ އިން އަށް ގެސްޓް ހައުސް
- އއ. އުކުޅަހުން ހަ ގެސްޓް ހައުސް
- ވ. ފުލިދޫން ފަސް ގެސްޓް ހައުސް
- އއ. ރަސްދޫން ހަތަރު ގެސްޓް ހައުސް
- ކ. ތުލުސްދޫން ތިން ގެސްޓް ހައުސް
- ކ. ގުރައިދޫން ތިން ގެސްޓް ހައުސް
- އއ. މަތިވެރިން ތިން ގެސްޓް ހައުސް
- ފުވައްމުލައް ސިޓީން ދެ ގެސްޓް ހައުސް
- ކ. ހިންމަފުށިން ދެ ގެސްޓް ހައުސް
- ވ. ތިނަދޫން ދެ ގެސްޓް ހައުސް
އޭގެ އިތުރުން ކ. ގުޅި، ސ. މަރަދޫ/ފޭދޫ، ސ. ފޭދޫ، ނ. ފޮއްދޫން ކޮންމެ ރަށަކުން އެއް ގެސްޓް ހައުސް އަށް އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދޫކޮށްފަ އެވެ.
ގެސްޓް ހައުސްތައް އަލުން ހުޅުވާލާފައިވާ އިރު، އެ ރަށްރަށުގައި ފަތުރުވެރިންނާއި އާންމުން ހިމެނޭ ގޮތުން، އެންމެން މާސްކު އެޅުން އެޗްޕީއޭ އިން ވަނީ މަޖުބޫރުކޮށްފައެވެ.
އޭގެ އިތުރުން އާބާދީގެ ނިސްބަތަށް ބަލައި ގެސްޓް ހައުސްތައް ހުޅުވާ ރަށްރަށުގައި އައިސޮލޭޝަން ފެސިލިޓީ އާއި ކަރަންޓީން ފެސިލިޓީ ގާއިމުކުރަން ޖެހެއެވެ. އަދި ކޮންމެ ގެސްޓް ހައުސްއަކުން ވެސް ހާއްސަ ފޯކަލް ޕޮއިންޓެއް ގާއިމުކުރަން ޖެހޭއިރު އައިސޮލޭޝަނަށް ހާއްސަ ކޮޓަރިތަކެއް ވެސް ހުންނަންޖެހެއެވެ.
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް