ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހި ޒުވާނުންނަށް އެޕްރެންޓިސްޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ އެއްބަސްވުމެއްގައި، ޓޫރިޒަމް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީއާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.
ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަމީނެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.
މި ފަހުމުނާމާގެ ދަށުން ކުރިއަށްގެންދާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ރިސޯޓުތަކާއި، ހޮޓާތަކުގެ އިތުރުން ގެސްޓްހައުސްތަކުގައި އަމަލީ ތަމްރީނު ހާސިލުކުރުމުގެ ފުރުސަތު ލިބޭނެއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުން، ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން މަސައްކަތް ދަސްކުރާ އިރު، ތަމްރީނު ފުރިހަމަކުރާ މުއްދަތުގައި ބައިވެރިންނަށް މާލީ އިނާޔަތެއް ވެސް ދޭނެއެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ރަސްމީކޮށް ގަބޫލުކުރެވޭ ސަނަދެއް ދޫކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި އިސްނެގުމުގެ މައިގަނޑު އެއް އަމާޒަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި އަންހެނުންގެ ނިސްބަތް އިތުރުކުރުން ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަމީން ވިދާޅުވީ، ފަތުރުވެރިކަމަކީ ކޮންމެ ދިވެއްސެއްގެ ވެސް ހިއްސާ އޮތް ދާއިރާއެއް ކަމަށެވެ. "މި ފަހުމުނާމާގެ ސަބަބުން އަޅުގަނޑުމެންގެ ޒުވާނުންނަށް، ހާއްސަކޮށް ޒުވާން އަންހެނުންނަށް، މަސައްކަތުގެ މާހައުލުން އަމަލީ ތަޖުރިބާ ހޯދައި، އާމްދަނީ ލިބޭ ގޮތަށް ތަމްރީނުވުމުގެ ރަނުގެ ފުރުސަތެއް ހުޅުވިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މި މަސައްކަތުގެ ބޭނުމަކީ، ރާއްޖޭގެ އިގުތިސާދުގެ މައިބަދަ ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި މަންފާގައި ދިވެހި ޒުވާނުންނަށް ފުރިހަމަ ހިއްސާ ލިބޭނެކަން ކަށަވަރުކުރުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި ހަލުވިކަމާއެކު ކުރިއަރަމުންދާ މި ސިނާއަތަށް ބޭނުންވާ ހުނަރުވެރި ދިވެހި މަސައްކަތްތެރިން ބިނާކުރުމަށް ވެސް މި ޕްރޮގްރާމްގެ ސަބަބުން މަގުފަހިވާނެ ކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމާއި ސިނާއަތުގެ ބައިވެރިވުން އިތުރުކުރުމުގެ މަސައްކަތް ކުރާނީ ޓޫރިޒަމް މިނިސްޓްރީންނެވެ. ނަމަވެސް، ޒުވާނުންގެ މެދުގައި ޕްރޮގްރާމް އިޝްތިހާރުކުރުމާއި، އެޕްލިކޭޝަންތައް ވިލަރެސްކުރުމުގެ އިތުރުން ތަމްރީނާއި ސަނަދު ދިނުމުގެ ކަންކަން ކުރިއަށްގެންދާނީ ޔޫތު މިނިސްޓްރީންނެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ ޒުވާނުންނަށް އަމާޒުކޮށް، ކުރިއަށް އޮތް ތަނުގައި ޔޫތު މިނިސްޓްރީން އިއުލާންތައް ކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ކޮމެންޓް