ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަމުގައި، ފެށި "ހިޔާ" މަޝްރޫއުގެ ދަށުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުންފުނިތަކާ ހަވާލުކޮށްގެން އިމާރާތް ކުރަމުން އަންނަ ފްލެޓްތަކުގެ ތެރެއިން ސްޓެލްކޯގެ މުވައްޒަފުންނަށް އެކުންފުނިން އިމާރާތް ކުރަމުން އަންނަ ފްލެޓް އިމާރާތުން، ފްލެޓް ގަނެފައި ވަނީ އެހެނިހެން މުވައްޒަފުންނަށް ވެސް އޮންނަ ހައްގުގެ ތެރެއިން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ ފުލެޓް ލިސްޓުގައި އެމްޑީ ހަސަން މުޣުނީގެ ނަން އޮތުމުން އެމައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާ ޕްރައިޒަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީން ތަހުގީގު ކުރުމަށް، އެމްޑީ މުޣުނީ އެ ކޮމިޓީއަށް ހާޒިރު ކޮށްގެން އެކަމާ ބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުޣުނީ ވިދާޅުވީ، އެމްޑީގެ ނަން އޭގައި އެއޮތީ ފުލެޓް ގަތުމުން ކަމަށެވެ.

"އެއީ ހަމަ އެކުންފުނީގެ އެހެނިހެން ފަރާތްތަކަށްވެސް އޮތް ހައްގު ސްޓެލްކޯގެ އެމްޑީ އަށްވެސް އޮތް. އެހެންކަމުން އެއާ އެއްގޮތަށް ސްޓެލްކޯގެ އެމްޑީވެސް އެތަނުން ފުލެޓެއް ގަތީ،" މުޣުނީ ވިދާޅުވިއެވެ. އެއީ އެހެން މުވައްޒަފުންނަށް ވެސް ފްލެޓު ދިނުމުގައި ކަންކަން ބެލި ގޮތަށް ކަންތައްތައް ބަލައިގެން ލިބިފައި އޮތް ފްލެޓެއް ކަމަށްވެސް ވިދާޅުވިއެވެ.

މުޣުނީގެ ޖަވާބާ ގުޅިގެން، އެއީ ސަރުކާރު އޯވަރޯލް ވިސްނުމެއްތޯ، އާއި އެކަމުގައި ސަރުކާރުގެ ބަހެއް ހޯއްދެވިންތޯ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މުޣުނީއާ ސުވާލު ކުރެއްވިއެވެ.

މުޣުނީ ވިދާޅުވީ، "އިންޑިވިޖުއަލް ކޮންމެ ކަމެއްގައި ސަރުކާރުގެ ބަހެއް ނުވެއް ހޯދާނެ، އެއީ މަގާމުތަކުގައި ތިބޭ ފަރާތްތަކަށް ވެސް، ކޮންމެވެސް ބާރުތަކަކާއެކު އެ މަގާމުތަކުގައި އެ ތިއްބަވަނީ،" ކަމަށެވެ.

އެކަމާ ގުޅިގެން ބޮނޑޭ ވިދާޅުވީ އެއީ ސަރުކާރުގެ އޯވަރޯލް ވިސްނުން ނޫން ކަމާއި އެއީ އެމްޑީގެ ވިސްނުންކަން އެނގިއްޖެ ކަމަށެވެ.