އިންސާނީ ހައްގުތައް

ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށްދޭ މިންވަރު ދެނެގަތުމުގެ ސެޝަން މިއަދު

ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު)ގެ ތިންވަނަ ސައިކަލްގައި، ރާއްޖޭގެ ރިވިއު ސެޝަން މިއަދު ބާއްވަން ނިންމައިފި އެވެ.

ޔޫޕީއާރުގެ ރާއްޖޭގެ ރިވިއު ސެޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިއަދުގެ ޖެނީވާ ގަޑިން 14:30 ގައި، ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގަ އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް ތަބާވުމުގެ ގޮތުން، މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އިން-ޕާސަން އަދި ވާޗުއަލް ބައިވެރިވުން ހިމެނޭ، ހައިބްރިޑް މޮޑެލް އެއްގެ ގޮތުގަ އެވެ.

ޔޫޕީއާރަކީ އދ. ގެ މެންބަރު ގައުމުތަކުން އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ކުރަމުން އަންނަ މަސައްކަތްތަކާއި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުން އަންނަ މިންވަރު ދެނެގަނެ، ވަޒަންކުރުމަށްޓަކައި ކުރިއަށްގެންދެވޭ ރިވިއު ޕްރޮސެސް އެކެވެ.

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކުރިއަށް ގެންދާ މި ޕްރޮސެސްގެ ފުރަތަމަ ސައިކަލްގައި 2010 ވަނަ އަހަރު ރާއްޖޭގެ ރިވިއު ކުރިއަށް ގެންގޮސްފައިވާ އިރު، 2015 ގައި މި ޕްރޮސެސްގެ ދެވަނަ ސައިކަލްގައި ރާއްޖޭގެ ރިވިއު ކުރިއަށް ގޮސްފައިވެ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ، މިއަދު ބާއްވާ ޔޫޕީއާރުގެ ރާއްޖޭގެ ރިވިއު ސެޝަނަކީ ދިވެހިރާއްޖޭގެ ތާރީހުގައި، ޔޫޕީއާރުގެ ވޯކިން ގުރޫޕުގެ ބައްދަލުވުމެއްގައި ރާއްޖެ ތަމްސީލު ކުރާ ވަފުދުގައި ދައުލަތުގެ ގިނަ ވަޒީރުން ހިމެނިވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމަށެވެ.

އެގޮތުން އެ ސެޝަންގައި ވާޗުއަލީ ބައިވެރިވެވަޑައިގެން ރާއްޖެ ތަމްސީލު ކުރައްވާނީ ރާއްޖޭގެ ވަފުދުގެ ހެޑް އޮފް ޑެލެގަޝޭންގެ ގޮތުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ގެ އިތުރުން، ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާއި އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އޭގެ އިތުރުން ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަހުމަދާއި ރާއްޖެއިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ އޮފިޝަލުން މި ސެޝަންގައި އިން-ޕާސަން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

އޭޖީ އޮފީހުން ބުނީ، މި ރިވިއު ސެޝަންގައި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ރާއްޖޭން ހާސިލްކޮށްފައިވާ ކާމިޔާބީ އާއި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި ސަރުކާރުގެ ސިޔާސަތުތައް ބަޔާންކުރުމަށްޓަކައި މައިގަނޑު ހަތަރު ދާއިރާއަކުން އިންޓަވެންޝަންތައް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އަދުލު އިންސާފާއި މުޖުތަމައުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގާނޫނު ތަންފީޒުކުރާ އިދާރާތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާއި ހިޔާލުފާޅުކުރުމާއި ޖަމިއްޔާ ޖަމާއަތްތައް ހެދުމުގެ މިނިވަންކަމާއި ބިދޭސީ މަސައްކަތްތެރިންނާގުޅޭ ގޮތުން މިނިސްޓަރުން އިންޓަވެންޝަން ހުށަހަޅުއްވާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

މިއަދުގެ ސެޝަންގައި ރާއްޖޭން 3 ފެބުރުވަރީ 2020 ގައި ހުށަހަޅާފައިވާ ނޭޝަނަލް ރިޕޯޓުގައި ހިމަނާފައިވާ މައުުލޫމާތާއި މަދަނީ ޖަމާއަތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާ ސްޓޭކްހޯލްޑާ ރިޕޯޓުތަކާއި އދ.ގެ އެކި ފަރާތްތަކުން ރާއްޖެއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ރާއްޖެއާ ގުޅޭ ގޮތުން ގަައުމުތަކަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެ އެވެ.

އޭޖީ އޮފީހުން ބުނީ، ރާއްޖެއަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް 97 ގަައުމަކުން އެދިފައިވާ ކަމަށެވެ. ގައުމުތަކުން ރާއްޖެއަށް ހުށަހަޅާ ރިކޮމެންޑޭޝަންތައް ރާއްޖޭން ބަލައިގަންނަކަން ނުވަތަ ނޫންކަން ޔޫޕީއާރުގެ ވޯކިން ގުރޫޕަށް އެންގުމަށް ރާއްޖެއަށް 14 ޑިސެންބަރު 2020 އާ ހަމައަށް ފުރުސަތު ލިބޭނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

މިއަދުގެ ސެޝަނަށްފަހު 6 ނޮވެންބަރު 2020ގައި ބާއްވާ ވޯކިން ގުރޫޕުގެ ސެޝަންގައި ޔޫޕީއާރު ވޯކިން ގުރޫޕުން ރާއްޖެއާ ގުޅޭ ގޮތުން ތައްޔާރުކުރާ ރިޕޯޓް އެޑޮޕްޓް ކުރާނެ އެވެ.