ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާމެދު އިހުމާލުވާ ފަރާތްތަކުގެ މަައުލޫމާތު އާންމުކުރަން ނިންމާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފިއެވެ.

ހޯމްލޭންޑް މިނިސްޓްރީން ރޭ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ ބިދޭސީ މަސައްކަތްތެރިންނާ މެދު އިހުމާލުވާ ފަރާތްތައް ޖޫރިމަނާ ކުރަން ވެސް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ވަޒީފާއާބެހޭ ގާނޫނުގެ އަށްވަނަ އިސްލާހުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކާއި ހާއްސަކޮށް ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މުވައްޒަފަކު ގެނައުމަށްފަހު އެފަރާތާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތައް 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުންޏެވެ.

އަދި އެ ގާނޫނުގެ 7-65 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ނުހިމެނޭ ކަންކަމުގައި، ގާނޫނުގެ 8-65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން 100،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން، އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް ހަވާލާދެވުނު މާއްދާތަކުގައި ބަޔާންކުރާ ފިޔަވަޅުތައް ތަންފީޒު ކުރަމުންދާނެ ކަމަށެވެ.

އަދި ވަޒީފާދޭ ފަރާތުން ޖޫރިމަނާގެ ފައިސާ ދައްކައި ހަލާސް ކުރުމުން މެނުވީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ހިދުމަތެއް ފޯރުކޮށް ނުދެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.