"ރާއްޖެ ޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި އޯޓިސްޓިކް ކުދިންނަށް ފުރައްސާރަކުރި މައްސަލަ ކުށްވެރިކޮށް، އެ މައްސަލަ ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ގޮވާލައިފިއެވެ.

"ރާއްޖެ ޓީވީ"ގެ "ކާލާ ބައިސާ" ޕްރޮގްރާމުގައި ރޭ އެ ވާހަކަދައްކާފައިވަނީ ސިޔާސީ ވާހަކަތަކެއްގެ ތެރެއިންނެވެ. އެ ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ ޕްރެޒެންޓަރު ހުސައިން ރަމީޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ޕީޕަލްސް ނޭޝަނަލް ޕާޓީ (ޕީއެންއެފް)ގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު ފަޔާޒް އަލީ (ޕާޕާ) އެވެ.

އެ މައްސަލައިގައި އެޗްއާރުސީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ ޓީވީގެ "ކާލާ ބައިސާ" ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދަށް ބައެއްގެ ގޮތަށް އަދި މަލާމާތް ރައްދުވާ މޭރުމަކުން ވާހަކަދައްކާފައިވާތީ އެކަން އެ ކޮމިޝަނުން ކުށްވެރިކުރާ ކަމަށެވެ.

މުޖުތަމައުގެ އެހެން މީހުންނެކޭ އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އިންސާނީ ހައްގުތައް އެއްހަމައެއްގައި ލިބިދީފައިވާ ކަމަށާއި ކޮންމެ މީހަކަށްވެސް އަބުރުވެރިކަމާއި ކަރާމާތްތެރިކަމާއެކު ދިރިއުޅުމުގެ ހައްގު ލިބިދީފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

"އެހެންކަމުން، މިފަދަ އަމަލުތައް ނުކުރުމަށާއި އަދި މީޑިއާތަކުން ގެނެސްދޭ މަންޒަރާއި އަޑު އަދި މައުލޫމާތު ގެނެސްދިނުމުގައި މުޖުތަމައުގެ އެއްވެސް ފަރުދެއްގެ އިންސާނީ ހަައްގާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް ގެނެސްދިނުމަށް ސަމާލުކަން ދިނުމަށް ކޮމިޝަނުން ހުރިހާ މީޑިއާތަކަށް އިލްތިމާސްކުރަމެވެ. އަދި މިފަދަ މައްސަލަތައް ބެލުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލަމެވެ..،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.

އެ ޕްރޮގްރާމުގައި އޯޓިސްޓިކް ކުދިންނަށް ފުރައްސާރަކުރި މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވެސް ވަނީ ބަލަން ފަށައިފައެވެ. އެ ކޮމިޝަނުން މިއަދު ބުނީ ގާނޫނުއަސާސީގައި ބުނާ "ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ހާއްސަ ރައްކާތެރިކަން" އަދި ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސް އާއި ގައިޑްލައިންތަކާ ތައާރަޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ މައުލޫމާތު އެ ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

"މިފަދަ ކޮންޓެކްޓް ތަހުގީގުކޮށް އެކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގެ ފުރިހަމަ އިހުތިސާސް ކޮމިޝަނަށް ލިބިގެންވާ ކަމާއި، ކޮމިޝަންގެ ސަމާލުކަމަށް އަންނަ އަދި ހުށަހެޅޭ މިފަދަ ކޮންޓެންޓު ބަލައި ގާނޫނުން ޖާގަދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ބްރޯޑްކާސްޓަރުންނަށް އަންގަމެވެ..،" ބްރޯޑްކޮމްގެ ބަޔާނުގައި ބުންނެވެ.

ބްރޯޑްކޮމް އިން ބުނީ ގާނޫނުއަސާސީ އާއި ރާއްޖޭގައި އަމަލުކުރަމުންދާ އެންމެހާ ގާނޫނުތަކަށް އިހުތިރާމުކޮށް، އެއްވެސް ފަރާތެއްގެ އަބުރާއި ކަރާމާތް ނުގެއްލޭ ގޮތަށް ކޮންޓެންޓް އުފެއްދުމަށް ވެސް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.

ރާއްޖެ ޓީވީން ގެނެސްދިން އެ ޕްރޮގްރާމުގައި އޯޓިސްޓިކް ކުދިންނަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ ގުޅިގެން އެ ޗެނަލް އާއި ޕްރޮގްރާމުގައި ބައިވެރިވި މީހުންނަށް ދަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.