މީހެއްގެ މައްޗަށް ކުރާ، ޝަރީއަތެއް ނިމެންދެން އެ މީހާ ބަންދުކުރަން ލާޒިމްވާ ގޮތަށް ޖިނާއީ އިޖުރާއާތުގެ ގާނޫނު މާނަ ކުރާނަމަ، ކުރާ ހުކުމުގެ މުއްދަތަށް ވުރެ، ބަންދުގައި ތިބެން ޖެހޭ މުއްދަތު އިތުރުވެދާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޕީޖީ ޝަމީމު މިހެން ވިދާޅުވީ ސުޕްރީމްކޯޓުގައި މިއަދު ކުރިއަށްދިޔަ ޝަރިއަތުގެ މަޖިލީހުގައެވެ.
ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 60 ވަނަމާއްދާގެ ށ. ގައި ބުނާ ގޮތުން ދައުވާ ކުރެވޭ މިންވަރަށް ހެކި ހުރެފައި އަދި ގާނޫނު އަސާސީގެ 46 ވަނަ މާއްދާގައި ބަޔާންކުރާ ހަތަރު ހާލަތުންކުރެ ހާލަތެއް އޮތް ނަމަ ޝަރީއަތް ނިމެންދެން އެމީހަކު ބަންދު ކުރަން ފަނޑިޔާރުންނަށް ލާޒިމްވާނެ ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
އެ މައްސަލައާ ގުޅިގެން ސުޕްރީމްކޯޓުގައި މިއަދު އޮތް އިސްތިއުނާފީ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝަމީމު ވިދާޅުވީ، އެގޮތަށް ޝަރީއަތް ނިމެންދެން ބަންދު ކުރަން ފަނޑިޔާރުންނަށް ލާޒިމްވާ ގޮތަށް އޮތުމުން، ހުކުމުގެ މުއްދަތަށް ވުރެ އެމީހާ ބަންދު ކުރާ މުއްދަތު އިތުރުވެގެން ހިނގައިދާނެ ކަމަށެވެ.
ދައުލަތުން އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ހައި ކޯޓުގެ ނިންމުން އޮތް ގޮތުން ކިތަންމެ ކުޑަ ކުށެއްގައި ވިޔަސް، 60 ވަނަ މާއްދާގެ ށ. ގެ ދަށުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ފަނޑިޔާރުންނަށް ލާޒިމް ވާ ކަމަށެވެ. އޭރުން ހުކުމުގެ މުއްދަތަށް ވުރެ އިތުރަށް މީހުން ބަންދުގައި ތިބެން ޖެހުމުގެ އިތުރަށް ނިޒާމަށް ނުފުއުލޭނެ ބުރައެއް ކުރިމަތި ވެ، އޭގެ ސަބަބުން ހެއްވާ ނަތީޖާތަކެއް ނިކުމެދާނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
"މިސާލަކަށް ކުޑަ ފިހާރައަކުން ވައްކަން ކުރާ މީހާ އެއީ ޖިނާއީ ބޮޑު ކުށެއް ނޫން، ކުދިކުދި ވައްކަންތައް ސެންޓު ފުޅިއެއް ވަގަށް ނަގާ މީހާ އެމީހާގެ ކުށުގެ ރެކޯޑް ބަލާއިރު، އެއީ ބައިވަރު ކުށުގެ ރެކޯޑް އޮންނަ މީހަކަށް ވެދާނެ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހަކަށް ވެދާނެ، އޭނާއަތުން އެ ސެންޓުފުޅި އެބަ ފެނޭ، އެހެންވީމާ އޭނަގެ މައްޗަށް ދައުވާ ކުރެވެންވާ ވަރަށް ހެކި އެބަހުރި، ދައުވާ ކުރީމަ އަންނަ އަދަބަކީ ހަތަރު މަހާ ސައުވީސް ދުވަހުގެ ޖަލު ހުކުމެއް، އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުން ލާޒިމުވީމަ އާއްމު ގޮތެއްގައި މައްސަލަ ކޯޓަށް ހުށަހަޅަން މިނަގަނީ، ފުލުހުން ތަހުގީގުކުރަން 30 ދުވަސް ޕީޖީ އޮފީހުން ދައުވާކުރަން 10 ދުވަސް ދެން ލިޔުންތައް ހަވާލުކުރުމަށް 5 ދުވަސް، އެ ދިޔައީ މަހެއްހާ ދުވަސް، ދެން ޝަރީއަތްތައް ޝެޑިއުލްކޮށް، އިބްތިދާއީ އަޑުއެހުމާއެކު ޝަރީއަތް ނިމެންދެން ބަންދުގަ ބަހައްޓަން ލާޒިމް ވީމަ ޝަރީއަތް ފެށެންވާއިރަށް އޮންނާނީ 4 މަހާއި 24 ދުވަސްވެފަ އެހެންވީމާ އެއީ ހަމަޖެހޭ ގޮތަކަށް ނުވޭ. މިގޮތަށް މާނަ ކުރަންވެއްޖެއްޔާ ވަރަށް ހެއްވާ ނަތީޖާއެކޭ މުޅި މިކަމުން ނިކުންނާނީ" ޝަމީމު ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ އެކަމުގެ ސަބަބުން އިތުރަށް މީހުން ބަންދުގައި ތިބެން ޖެހުމުގެ އިތުރަށް ނިޒާމަށް ނުފުއުލޭނެ ބުރައެއް ކުރިމަތިވުމުގެ ސަބަބުން ހެއްވާ ނަތީޖާތަކެއް ނިކުމެދާނެ ކަމަށެވެ.
އެކަމުގެ ހައްލެއްގެ ގޮތުން ޝަމީމް ވިދާޅުވީ ގާނޫނު ލާޒިމްކުރާ ބައެއް ކަންކަން އިހުތިޔާރީ ކަމެއްގެ ގޮތުގައި މާނަ ކުރެވިދާނެ ކަމަށާއި ކޯޓުން އެކަމަށް ހައްލެއް ގެނެވިދާނެ ކަމަށެވެ.
ހުސެއިން ޝަމީމް
ހުސެއިން ޝަމީމް