ނަސްރުގެ ދުވަހުން އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު އެއް ފިލާވަޅަކީ ތިމާގެ އުފަން ފަސްގަނޑު ދެކެ އެއްވެސް ޝަރުތެއް ނެތި ލޯބިވުމުގެ މުހިންމުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރަމުން އަންނަ، މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ނެރޭ "އައްޑަނަ" މަޖައްލާގެ 28 ވަނަ އަދަދުގައި ހިމެނުމަށް ފޮނުއްވި ޚިތޯބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިތޯބުގައި، މީގެ 32 އަހަރު ކުރިން، ދިވެހިންގެ ވަރަށް މަދު ބަޔަކާ ގުޅިގެން، ބޭރުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް އަރައި ހިންގި އުދުވާން ސިފަކުރައްވާފައި ވަނީ ދިވެހި ތާރީހު ދުށް ވަރަށް އަނިޔާވެރި އަމަލުތަކެއްގެ ގޮތުގަ އާއި އަދި ކުށެއް ނެތް 19 ދިވެހި ދަރިއެއްގެ ލޭ މި ބިމަށް އޮހޮރުވައިލި، ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އިންތިހާއަށް އުފެއްދި ލާއިންސާނީ އަމަލުތަކެއްގެ ގޮތުގައެވެ.
އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެ ދުވަހުގެ ހަނދާންތައް އައުކުރަނީ، އެ ދުވަހާ ގުޅިފައިވާ ބަތަލުންގެ މަތިވެރި ގައުމީ ޖިހާދުން ހިތްވަރު ލިބިގަންނަމުންކަމަށާއި، އެ ހާދިސާއިން އިބުރަތް ހާސިލްކުރަމުން ކަމުގައެވެ. އަދި އިސްލާމް ދީނާއި ދިވެހި ގައުމުގެ ދިފާއުގައި ފުރާނައިން ގުރުބާންވެ ވަޑައިގެންނެވި ސިފައިންގެ ބޭކަލުންނާއި އާންމު ރައްޔިތުންގެ ގުރުބާނީ އިން ދޭހަވަނީ، ދިވެހި ދަރިންގެ ހިތްތަކުގައި ގައުމާ މެދު އޮންނަ ހާލިސް ލޯބީގެ ބާރުގަދަކަމާއި މަތިވެރިކަން ކަމުގައެވެ.
މީގެ އިތުރުން ވެސް އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ދިވެހި ޤގައުމުގެ ދިފާއީ އައްޑަނަ ކަމުގައިވާ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަކީ، އޭރު ވެސް އަދި މިހާރު ވެސް، ގައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލައި، އެ ނުރައްކާތަކުން ދިވެހި ގައުމާއި ދިވެހި ރައްޔިތުން ސަލާމަތްކުރުމުގައި ނަމޫނާ ލަޝްކަރެކެވެ. ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއިން ދިވެހި ގައުމު ހިމާޔަތްކުރުމުގައި ދިވެހި ސިފައިން ދެއްކި ހިތްވަރާއި ހުޝިޔާރުކަމުގެ ލާމަސީލު ނަމޫނާ، ދުވަހަކު ވެސް ދިވެހިންގެ ހަނދާނުން ފުހެވިގެން ނުދާނެކަމަށާއި، އެ ނުރައްކާތެރި ވަގުތުގައި ދިވެހި ރައްޔިތުން އިސްކުރި އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދިވެހިންގެ ހިތްތަކުގައި ތާޒާކަމާއެކު އާވެ އާލާވަމުން އަންނަ ގައުމީ ލޯބީގެ ވަރަށް މަތިވެރި ނަމޫނާއެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ނޮވެންބަރު 3 ގެ އުދުވާނު ނާކާމިޔާބު ކޮށްލުމުގައި ދިވެހި ރައްޔިތުންގެ ފަރާތުން ދިވެހި ދައުލަތަށް ލިބިގެން ދިޔަ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، އެ ދުވަހުގެ އެ އުދުވާނާ ދެކޮޅަށް ހަރަކާތްތެރިވި އެންމެހައި އާންމު ރައްޔިތުންނާއި ދިވެހިރާއްޖޭގެ އޭރުގެ ސަރުކާރުގެ އެދިވަޑައިގަތުމަށް އަވައްޓެރި އިންޑިޔާ ސަރުކާރުން އަސްކަރީ ގޮތުން ވެދެއްވި އެހީތެރިކަމަށްޓަކައި، އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވެސް ޝުކުރު ދަންނަވައިފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު