ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން އިތުރު ދެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވް ވެ އެ ރިސޯޓުން ޕޮޒިޓވިވް ވީ ޖުމުލަ އަދަދު 19 އަށް އަރައިފި އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވަނީ ދާދި ދެންމެ "ވަން" އަށް މިކަން ކަށަވަރުކޮށްދެއްވައިފަ އެވެ. ތަސްލީމާ ވިދާޅުވި ގޮތުގައި އިތުރު ދެ މީހަކު ޕޮޒިޓިވް ވިކަން އެނގިފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

ތަސްލީމާ ވިދާޅުވީ، ރޭ ޓެސްޓުކުރި 12 މުވައްޒަފަކާއި 21 ޑިޕާޗާއެއްގެ ސާމްޕަލްގެ ތެރެއިން ދެ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އިއްޔެ ޖުމްލަ 149 ސާމްޕަލެއް ނަގާފައިވާއިރު އެ ސާމްޕަލްތައް މިރޭ ޓެސްޓު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ކަނޑިންމަ ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިން އާއި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަނީ، އެ ރިސޯޓުގައި ހުއްޓައި ބަލިވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު ކޮވިޑް ޖެހިގެން މަރުވުމާ ގުޅިގެންނެވެ. އުމުރުން 60 އަހަރުގެ އެ މީހާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ސާމްޕަލް މާލެ ގެނެސް ޓެސްޓު ކުރުމުންނެވެ.

ކަނޑިންމަ ރިސޯޓަށް މީހުން އަރައި ފޭބުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އެޗްއީއޯސީން ކުރިން ބުނެފައިވާ ގޮތުން، އެ ރިސޯޓްގައި ތިބި ޕޮޒިޓިވް މީހުންގެ ތެރެއިން ހައިރިސްކް މީހުން ފެސިލިޓީ އަކަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އެ ރިސޯޓުގައި ތިބި ފަތުރުވެރިންގެ ތެރެއިން ފުރަން ވެފައި ތިބި ފަތުރުވެރިންނަށް ފުރައިގެން ދެވޭނީ ކޮންޓެކްޓަކަށް ނުވާނަމަ ޕީސީއާރް ޓެސްޓް ހެދުމަށްފަހު ނެގެޓިވް ވުމުން ކަމަށް ބުންޏެވެ.