އޭނާ މަގާމުގައި ހުންނަވައިގެން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ކޮޅެއްގައި ަޖއްސައިދީ، ކުޑަކުދިންނާބެހޭ މީހުންގެ މައްސަލަަތައް ހައްލު ކޮށްދެއްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި މިއަދު ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމު ވިދާޅުވީ، އޭނާ ޕީޖީ ކަމުގެ މަގާމަށް ވަޑައިގެންނެވީވެސް، ދެކަމެއް ހާސިލުކުރައްވަން ކަމަށާއި، އެއްކަމަކީ ކުޑަކުދީންނާބެހޭ މީހުންގެ މައްސަލަތަކާއި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަށް ނަތީޖާއެއް ހޯއްދަވައި ދެއްވުން ކަމަށެވެ.

އޭނާ ވިދާޅުވީ، މިރާއްޖޭގައި ކުޑަކުދިންނަށް ރައްކާތެރިކޮށް އުޅެވޭނެ ގޮތެއް ދައްކައިދޭން އެބަޖެހޭ ކަމަށާއި، އެކުދިންނާ ބެހިފައި ރައްކާތެރިކަމާއެކު ނޫޅެވޭނެކަން އެކަން ކުރާ މީހުންނަށް އެނގެން ޖެހޭ ކަމަށެވެ.

މިހާތަނަށް ކުޑަކުދިންގެ މައްސލަތައް ހައްލު ނުވެ އޮތީ، އިދާރާތަކުގެ މައްސަަލައަކަށްވުރެ ބޮޑަށް އެންމެން އެކުގައި ފޯކަސްއަކާއެކު މަސައްކަތް ނުކުރެވިގެން ކަމަށް ޝަމީމު ވިދާޅުވިއެވެ. ޝަމީމު ވިދާޅުވީ ވަކި ފޯކަސްއަކަށް އެންމެން މަސައްކަތް ކޮށްގެން ނަތީޖާ ނެރެވޭނެ ކަމަށެވެ.

ޝަމީމު އިތުރަށް ވިދާޅުވީ، ކުޑަކުދިންގެ މައްސަލަތައް ހައްލު ކުރުމަށް ބޭނުންވަނީ ދެކަމެއް ކުރުން ކަމަށެވެ.

އޭގެ ތެރެއިން އެއްކަމަކީ، ކޮންޓިނިއު ހިޔަރިން ކޯޓުގައި ކުރިއަށް ގެންދިއުން ކަމަށާއި ދެވަނަ ކަމަކީ ލިބިފައި ހުރި މައުލޫމަތުތަކުގެ މައްޗަށް ބިނާކޮށް ޕޮލިސީތައް ރޭވުން ކަމަށެވެ. އެގޮތުން އަހަރެއްހާދުވަހު އެކަމާބެހޭގޮތުން ވާހަކަ ދެއްކުމަށްފަހު ކޮންޓިނުއަސް ހިޔަރިންތައް މިހާރު ކޯޓުގައި ކުރިއަށްދާ ކަމަށާއި، އެގޮތަށް މައްސަލަތައް ކުރިއަށް ގޮސް މަހަކު 10 މައްސަލަ ކޯޓުން ނިމޭނަމަ ބެކްލޮގެއް ނޯންނާނެ ކަމަށާއި، އެކަމުގެ ސަބަބުން އެފަދަ ފަރާތްތަކަށް އަދަބު ދިނުން އަވަސް ވެގެންދާނެކަމަށް ޝަމީމު ފާހަގަ ކުރެއްވިއެވެ.

ޝަމީމު ވިދާޅުވީ ދެވަނައަށް ކުރަން ޖެހޭ ކަންތައްތަކުގެ ތެރެއިން، ކުޑަކުދިންނާ ބެހުމުގެ ކުރިން އެޅިދާނެ ފިޔަވަޅުތަކެއް ހުންނަ ކަމަށެވެ. އެގޮތުން އެދުވަސްވަރެއްގައި އެފަދަ މައްސަލަތައް ހިނގާނީ ކޮން ދިމާތަކެއްގައި ކޮން ގަޑިތަކެއްގައި އަދި ކޮން އުމުރެއްގެ ބައެއްކަން ލަފާކޮށް ފިޔަވަޅު އެޅިދާނެ ކަމަށެވެ.

"އަޅުގަނޑުމެނަށް އެބަ އެނގޭ، މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ކުޑަކުއްޖަހާ ބެހިގެން އާއްކޮށް ބަންދުކުރާނީ މިވެނި ރަށެއްގެ މީހެއްކަން މިވެނި އަތޮޅެއްގެ މީހެއްކަން މިވެނި ދުވަސްވަރެއްގައިކަން، މިވެނި ތަނެއްގައިކަން މިވެނި އުމުރެއްގެ މީހެއްކަން މި މައުލޫމާތު އެބަހުރި، މިދިޔަ މުއްދަތުގެ ތެރޭގައި 161 މީހުންގެ މައުލޫމާތު އެބަހުރި، އެހެންވީމާ އަޅުގަނޑުމެންނަށް އެބަ އެނގޭ ކޮން އަތޮޅެއްގެ މީހެއްކަން ރިސްކު ބޮޑީ، މިކަން ކުރުކުގެ ފުރުސަތު ބޮޑީ، އެހެންވީމާ އެކަމަކަށް އަޅުގަނޑުމެން ފޯކަސް ކޮށްގެން އެދިމާލަކަށް އަޅުގަނޑުމެންގެ ޕްރިވެންޝަންގެ މަސައްކަތް ވެސް ގެންދަންވިއްޔޭ،" ޝަމީމު ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވީ ކުޑަކުދިންނާ ބެހޭ މީހުންގެ މައްސަލަތައް ކޯޓަށް ހުށަހެޅުންވެސް ބޮޑުތަނުން މިހާރު އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން 2018 ވަނަ އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 90 މައްސަލަ، މިދިޔަ އަހަރުގެ އެ މުއްދަތުގައި 86 މައްސަލަ އަދި އޭނާ އެ މަގާމާ ހަވާކުވި ފަހުން މިއަރުގެ އެމުއްދަތުގައި 161 މައްސލަ ކޯޓަށް ފޮނުވިއްޖެ ކަމަށާއި އެކަމުން ދޭހަވަނީ މިހުންގެ އިތުބާރު އުފެދި މައްސަލަތައް ރިޕޯޓްކުރުން އިތުރުވެފައިވާކަން ކަމަށްވެސް ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވީ، ކުރިއަށް އޮތް ހަފްތާތަކުގައި ކޮންމެ ދެ ހަފްތާއަކުން އެއްހަފްތާގައި ބޮޑު މައްސަލައެއް ކޯޓަށް ހުށަހެޅި ހިނގަމުންދާނެ ކަމަށެވެ. އެކަން ކުރިއަށް ގެންދާނީ ޕީޖީ އޮފީހާއި އޭސީސީ އާއި ފުލުހުނާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ކަމަށާއި، ކުރިއަށް އޮތް ހަފްތާ ތަކަކީ ބޮޑު ހިޔާނާތުގެ ގިނަ މައްސަލތަކެއް ކޯޓުގައި ހިނގައިގަނެގެންދާނެ ހަފްތާތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަށްޓަކައި މިހާރުވެސް ކަމާ ގުޅުން ހުރި މީހުން ތަހުގީގީ މުއައްސަސާތަކަށް ހާޒިރުކުރަމުންދާކަން ހާމަވަމުން އަންނަ ކަމަށް ޝަމީމު ވިދާޅުވިއެވެ.