އެއް މުވައްޒަފަކު އަނެއް މުވައްޒަފަކާ ކައިވެނި ކޮށްފިނަމަ، އެތަނުން އެކަކު ވަޒީފާއިން ވަކިވާން ޖެހޭ ގޮތަށް ބައެއް ކުންފުނިތަކުން ކަނޑައަޅާފައިވާ އުސޫލާ ބެހޭ ގޮތުން ކޮމެޓީން ވަކި ގޮތެއް ކަނޑައަޅަންދެން، އެފަދަ ކުންފުނިތަކުން އެ އުސޫލަށް އަމަލު ކުރުން މިވަގުތަށް ހުއްޓައިލުމަށް ކުންފުނިތަކަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީން ފާސްކޮށްފިއެވެ.

އެކޮމެޓީން މިގޮތަށް ފާސް ކޮށްފައި ވަނީ، އެކަމާ ބެހޭ ގޮތުން ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށްފަހުގައެވެ.

އެގޮތަށް އަމަލު ކުރާ ކުންފުނިތަކަކީ ކޮބައިތޯ ބަލައި، އެ ކުންފުނިތަކުން އެގޮތަށް އަމަލު ކުރަނީ ކީއްވެގެންތޯ ބެލުމުގެ އިތުރުން، ދަރިންނާއި މައިން ބަފައިން ވަޒީފާ އަދާ ކުރާ ކުންފުނިތަކުގައި އެފަރާތްތަކަށް އޮންނަ އުސޫލުތަކާއި، ހަމަތައްބަލައި އެފަދަ ކަންކަން ހަމަަޖައްސާފައިވާ މަގުސަދު އޮޅުން ފިލުއްވުމަށްފަހު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އާއި ފިނޭންސް މިނިސްޓްރީއާ ވާހަކަ ދެއްކުމަށްފަހު އެކަންކަމަށް ހުރިހާ ކުންފުނިތަކުން އެއް އުސޫލަކުން ކަން ކުރެވޭނެ އުސޫލެއް ކަޑައެޅުމަށް ވެސް ވަނީ ކޮމިޓީން ފާސްކޮށްފައެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކުން އެގޮތަށް، މުވައްޒިފުން ވަޒީފާއިން ވަކި ކުރަމުންދާ މައްސަލަ ކޮމިޓީއަށް ހުށަހަޅުއްވަމުން ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާިއރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، ސްޓެލްކޯއަކީވެސް މިހާރު އެ އުސޫލަށް އަމަލު ކުރަމުންދާ ކުންފުންޏެއް ކަމަށާއި، މިހާރުވެސް އެގޮތަށް ކައިވެނިކޮށްގެން ތިބި ދެ މުވައްޒިފަކަށް އެ ކުންފުނިން ނޯޓިސް ދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ދަރިންނާއި މައިން ބަފައިން ވަޒީފާ އަދާކުރާއިރު މައްސަލައަކަށް ނުވެ، ދެ މުވައްޒިފަކު އެކަކު އަނެކަކާ ކައިވެނި ކުރުމުން މައްސައަކަށް ވާން ޖެހޭ ސަބަބާމެދު އެފަދަ ތަންތަނުގެ މުވައްޒިފުން ސުވާލު އުފައްދަމުން ގެންދާ ކަމަށެވެ.

މި މައްސަލާ ގުޅިގެން ވާހަކަ ދައްކަވަމުން ކޮމިޓީގެ މެންބަރު ފެލިދޫ ދާއިރާގެ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، ކުންފުނީގައި ވަޒީފާ އަދާކުރާ ދެ މުވައްޒިފުން ކައިވެނީގެ ގޮތުން ގުޅުން އޮތުމަކީ ވަޒީފާއިން ކަނޑާލަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

އެގޮތަަށް ކުންފުނިތަކުގައި މުވައްޒިފުން ތިބޭނެ ކަމަށާއި، ނަމަވެސް ކޮންފްލިކްޓް އޮފް އިންޓްރެސްޓް ނާންނަ ނަމަ އެއީ މައްސަލައެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކޮންފްލިޓް (މަސްލަހަތު) ނުއުފެދޭ ގޮތަށް މުވައްޒިފުން ގެންގުޅެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ކުރިން އުޅުނު ކުންފުނީގައިވެސް ދެތިންހަތަރުކައިވެންޏެއް އުޅޭ ނަމަވެސް ކޮންފްލިކްޓް އޮފް އިންޓްރެސްޓް ނުއުފެދޭހާ ހިނދަކު ކުންފުންޏަށް ލިބޭނެ ގެއްލުމެއް ނޯންނާނެ،" އެމްޑަބްލިއުއެސްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވިއެވެ.

ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝީޒު ވިދާޅުވީ، އެކަމަކީ ވަރަށް ގިނައިން ބައެއް ކުންފުނިތަކުގައި ދިމާވާ މައްސަލައެއް ކަމަށެވެ.

"ފެނަކައިގަވެސް އެއް ގެއެއްގެ ދެބޭފުޅަކަށް ނުލިބޭ ވަޒީފާއެއް، އޭގެ ސަބަބަކަށް ބުނަނީ ވީހާވެސް ގިނަ އާއިލާތަކަށް އެރަށް ރަށުގައި އޭގެ މަންފާ ލިބޭނެ ގޮތް ހެދުމޭ،" ނާޝީޒު ވިދާޅުވިއެވެ.

އެމައްސަލަ ކޮމިޓީން ބަލައި އެކަމަށް ގޮތެއް ކަނޑައެޅުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ވެސް ނާޝީޒެވެ.