މާފުށީގެ ގެސްޓްހައުސްއެއްގައި ހުރި ފަތުރުވެރިޔަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިކަން މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވަނީ ދާދި ދެންމެ "ވަން" އަށް ކަށަވަރު ކޮށްދީފައި ވެއެވެ.
އުސްމާން ވިދާޅުވީ އެރަށުން ޕޮޒިޓިވްވެފައިވާ ފަތުރުވެރިޔަކީ އަންހެން ފަތުރުވެރިއެއް ކަމަށެވެ. އެ އަންހެންމީހާ އަކީ އިޖިޕްޓު މީހެއް ކަމަށާއި އޭނާ މިވަގުތު ހުރީ ގެސްޓްހައުސް އިން ތައްޔާރުކޮށްފައިވާ އައިސޮލޭޝަން ރޫމްގައި ކަމަށް ވެސް އުސްމާން ވިދާޅުވިއެވެ.
މީގެ އިތުރުން އެ އަންހެންމީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ރާއްޖެއިން ފުރުމުގެ ކުރިން ފަތުރުވެރިން ހަދަން ޖެހޭ ޕީސީއާރް ޓެސްޓުން ކަމަށާއި، މި ޓެސްޓުގެ ނަތީޖާ ލިބުނީ މިއަދު ހެނދުނު ކަމަށް ވެސް އުސްމާނު ވިދާޅުވިއެވެ.
މި އަންހެންމީހާ ޕޮޒިޓިވްވުމާ ގުޅިގެން ގެސްޓްހައުސް އިން އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށާއި އެގޮތުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކޮށް، ޑައިރެކްޓް ކޮންޓެކްޓު ވި މީހުން ކަރަންޓީނު ކޮށްފައިވާ ކަމަށް އުސްމާނު ވިދާޅުވިއެވެ.
އުސްމާން ވިދާޅުވީ މި ކޭހާއި ގުޅިގެން މާފުށި ނުވަތަ ފަތުރުވެރިޔާ ހުރި ގެސްޓްހައުސް މޮނީޓަރިންގެ ހާލަތަށް ގެންނާނީ އެޗްޕީއޭއިން އެކަމަށް އަންގައިފި ނަމައެވެ. އަދި މިވަގުތު މާފުށީގެ ހުރިހާ ރައްޔިތުންވެސް އެޗްޕީއޭގެ ގައިޑްލައިނުތަކާ އެއްގޮތަށް އަމަލު ކުރުމަށް އުސްމާން ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ. ހާއްސަކޮށް މީހުން ގިނަ ތަންތާގައި މާސްކު އެޅުމަށް އިތުރު ސަމާލުކަން ދިނުމަށާއި އެންމެންގެ ރައްކާތެރިކަން ކަށަވަރުވާނީ ފަރުދީ ޒިންމާ އަދާކޮށްގެން ކަމަށް އުސްމާނު ވިދާޅުވިއެވެ.
ކ. މާފުށި
ކ. މާފުށި
ކ. މާފުށި
ކ. މާފުށި