ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންނަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހަކު ޝަރުތުތަކަކާއެކު ދޫކޮށްލަން އެރަށު މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށް ހައި ކޯޓުންވެސް ކަނޑައަޅައިފިއެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު މާފުށި ވޯޓާސްޕޯޓް ސަރަހައްދުގެ ކައިރިން މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި އުމުރުން 18 އަހަރުގެ މުހައްމަދު ޝާބިން ޝުޖާއު ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުހުންނާ މެދު މާރާމާރީ ހިންގައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި ބަލައި ފާސްކުރުމުގައި ހަރަކާތްތެރިވި ދެ ފުލުހަކަށް ޖިސްމާނީ އަނިޔާ ލިބިފައިވާކަން މެޑިކޯ ލީގަލް ރިޕޯޓުތަކުން ކަށަވަރުވެފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ.

އެ ދުވަހު އޭނާ ހައްޔަރުކުރުމަށްފަހު ބަންދާ މެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ވަކި ސަރަހައްދުތަކެއްގައި ނޫޅުމަށާއި ގްރޫޕް ހަދައިގެން ބޭރުގައި ނުއުޅުމަށާއި ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކުރުމަށްފަހު އޭނާ ދޫކޮށްލާފައިވެއެވެ. ބަންދުން ދޫކޮށްލި އަމުރުގައިވާގޮތުން އޭނާއަށް 18 އަހަރު ފުރިފައިވަނީ އެ ދުވަހު ކަމަށްވުމުން އޭނާގެ އުމުރަށްވެސް ރިއާޔަތްކޮށްފައިވެއެވެ.

މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އެދުނީ ޝާބިންގެ ފަރާތުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުންނާއި ކުށް ތަކުރާރުވުމުގެ ފުރުސަތު އޮތުމުން އޭނާ ބަންދުގައި ބަހައްޓައިދިނުމަށެވެ. އަދި ފުލުހުންނަށް އަނިޔާކުރި މީހަކު އާންމު ފަރާތްތަކަށް ވެސް ފޯރުވުމަށް ފަސްނުޖެހޭނެ ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

ހައި ކޯޓުން މި މައްސަލަ ބެލުމަށްފަހު އާދިއްތަ ދުވަހު ނިންމީ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ރަނގަޅު ކަމަށާއި އެ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. މިގޮތަށް ނިންމީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަބްދުލްމާނިއު ހުސައިންއާއި ފަނޑިޔާރު އިސްމާއިލް ޝަފީއު ވަނީ ދަށު ކޯޓުގެ އަމުރަށް ތާއީދުކުރައްވައިފައެވެ.

ފަނޑިޔާރު އިސްމާއިލް ޝަފީއުގެ ރައުޔުގައި ފާހަގަކުރެއްވި ގޮތުގައި ޝާބިންއަކީ ކުށްކުރުމުގެ ދިގު ތާރީހެއް އޮތް މީހަކަށް ނުވުމާއި، އޭނާގެ އުމުރުން ހަގުވުމާއެކު މިފަދަ ހާލަތެއްގައި ބަންދުކުރުމަށް އަވަސްވެގަތުމަކީ ގާނޫނުއަސާސީން މަގުފަހިކޮށްދީފައިވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މި ނިންމުމާ ހިލާފުވެ، ފަނޑިޔާރު ހަސަން ޝަފީއު ނެރުއްވި ރައުޔުގައި ވިދާޅުވީ ދަށު ކޯޓުން އަމުރު ނެރުނުއިރު އެއްވެސް ސަބަބެއް ސާފުކޮށް ބަޔާންކޮށްދީފައިނުވާ ކަމަށާއި، ފުލުހުންނަށް ހަމަލާދިންކަމުގެ ހެކި ހުއްޓައި އެކަމަށް ރިއާޔަތްނުކޮށް ދޫކޮށްލުމަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ.

ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމާއި، ޑްރަގުގެ މައްސަލަތަކުގައި ހަރަކާތްތެރިވާ ފުލުހުންނަށް އިންޒާރުދީ ހަމަލާދޭ ފަރާތްތަކާމެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.