ކޮވިޑް 19 ޖެހިގެން ކަރަންޓީނުގައި ހުރި ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި ތިންވަނަ ޓެސްޓުން ވެސް އޭނާ ޕޮޒިޓިވް ކަމަށް ދެއްކުމުން، ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ޔުވެންޓަސްއިން މިރޭ ކުޅޭ މެޗުގައި ރޮނާލްޑޯ ނުފެންނާނެ ކަން ޔަގީންވެއްޖެއެވެ.

ޔޫއެފާގެ އުސޫލުތައް ބުނެފައިވާ ގޮތުން، ކޮވިޑް ޖެހިގެން ކަރަންޓީނު ވާން ޖެހޭ ކުޅުންތެރިޔަކު މެޗެއްގައި ކުޅުމަށް 24 ގަޑިއިރު ކުރިން ނެގެޓިވް ޓެސްޓެއް ބޭނުންވާނެއެވެ. މިރޭގެ މެޗަށް އެންމެފަހު ވަގުތު ރޮނާލްޑޯ ހެދި ޓެސްޓުންވެސް އޭނާ ވަނީ ކޮވިޑް 19އަށް ޕޮޒިޓިވް ވެފައެވެ.

މިރޭގެ މެޗަށް ގިނަ ބަޔަކު އިންތިޒާރުކުރީ ރޮނާލްޑޯ އާއި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ ކުރިމަތިލުމެއް ތަޖުރިބާ ކޮށްލުމަށެވެ. އެހެން ނަމަވެސް އެކަމަށް މިހާރު ވަނީ ފުރުސަތު ގެއްލިފައެވެ. މީގެ ކުރިން ރެއާލް މެޑްރިޑަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ ރޮނާލްޑޯ، ޔުވެންޓަސްއަށް ބަދަލުވީ މީގެ ދެ ސީޒަން ކުރިންނެވެ. އޭގެ ކުރިން ރެއާލްއިން ބާސާއަށް ދެކޮޅަށް ކުޅޭ އެލް ކްލެސިކޯ މެޗުތަކުގައި ރޮނާލްޑޯއާ ވާދަވެރި މެސީގެ ކުރިމަތިލުންތައް ފެނިފައިވާ އިރު، ޔުވެންޓަސްއާއި ބާސާ ގްރޫޕް ސްޓޭޖުގައި ވާދަކުރާ ދެވަނަ މެޗުގައި އެ ދެކުޅުންތެރިން އެކުގައި ފެނުން ގާތެވެ.

ކަރަންޓީނުގައި ރޮނާލްޑޯ މިވަގުތު އިޓަލީގައި ހުރި އިރު، އޭނާ ޕޮޒިޓިވް ވީ ޕޯޗުގަލުގައި ހުއްޓައެވެ. ގައުމީ ޓީމާއެކު މަސައްކަތް ކުރަމުންދަނިކޮށް ރޮނާލްޑޯ ޕޮޒިޓިވް ވެފައިވީ ނަމަވެސް، އޭނާ ވަނީ އެނބުރި އިޓަލީއަށް ގޮސްފައެވެ. އެ މައްސަލަ ހޫނުވެ، ރޮނާލްޑޯ އިޓަލީގެ ކަރަންޓީނު އުސޫލާ ހިލާފުވެފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރުވެސް ވަނީ ވިދާޅުވެފައެވެ. އަމިއްލަ ޖެޓުގައި ރޮނާލްޑޯ ދަތުރުކުރީ އިދާރާތަކުގެ އެންގުމާ ހިލާފަށް ކަމަށް އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު، ވިންސެންޒޯ ޕަޑަފޯރާ ވިދާޅުވެފައިވެއެވެ.

ދާދިފަހުން ޕަޑަފޯރާ ވިދާޅުވީ ރޮނާލްޑޯ އުސޫލުތަކަށް ގޮންޖަހާލި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.