ކުޑަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި ދޮންބައްޕަ، ދ.ކުޑަހުވަދޫ، ފައިވްސްޓާ އިބްރާހީމް ޝުޖާއު 15 އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ 2013 ވަނަ އަހަރުގެ ތެރޭގައި އުމުރުން 10 އަހަރުގެ އެ ކުޑަކުއްޖާގެ މަންމައާ ޝުޖާއު ކައިވެނިކޮށްގެން ކުޑަހުވަދޫއަށް ދިރިއުޅުން ބަދަލުކުރި ފަހުން، އެކި ދުވަސްމަތިން ޝުޖާއު އެ ކުޑަ ކުއްޖާއާ މެދު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެވެ.
މި މައްސަލަ މީގެ ކުރިން ކުޑަކުވަދޫ މެޖިސްޓްރޭޓް ކޯޓަށްވެސް ވަނީ ހުށަހަޅައިފައެވެ.
ނަމަވެސް 20118 ވަނަ އަހަރު އެ ކޯޓުން މައްސަލަ ނިންމާފައި ވަނީ، އިބްރާހީމް ޝުޖާއު ކުޑަކުއްޖާއާ މެދު ޖިންސީ އަމަލު ހިންގާފައިވާކަން ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާތީ، އެ މައްސަލަ ޝަރީއަތަށް ސާބިތު ނުވާކަށެވެ.
އެހުކުމާ ގުޅިގެން، ކުޑަހުވަދޫ މެޖިސްޓްރޭޓްކޯޓުން ނިންމާފައިވާ ނިންމުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތް ނުވާ ނިންމުމެއް ކަމަށްބުނެ ދައުލަތުގެ ފަރާތުން ޕީޖީ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މި މައްސަލައިގައި ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ކަނޑައަޅައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ)އާ އާ ހަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން އިބްރާހީމް ޝުޖާއު ގެ މައްޗަށް އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި، ޕީޖީ ކޮށްފައިވާ ދައުވާ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެން ވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މިކުށުގެ އުގޫބާތެއްގެ ގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނު ގެ ދަށުން އިބްރާހީމް ޝުޖާއު 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް، ހައިކޯޓުގެ މިގަޒިއްޔާ ބެއްލެވި ފަނޑިޔާރުން ގެ މަޖިލީހުގެ އިއްތިފާގުން ހުކުމް ކޮށްފިން ކަމަށެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު