ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ތ. ކުރެދިފުށި ދިން އެއްބަސްވުމާ ޓޫރިޒަމް މިނިސްޓްރީން ހިލާފުވެފައިވާ ކަމަށްބުނެ، ހުށަހެޅި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި، މ. އަހުމަދީ އާބާދު، މުހައްމަދު ޒަކީއަށް 35.3 މިލިއަން ޑޮލަރު ދިނުމަށް ދައުލަތަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށް ހައިކޯޓުންވެސް ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ، 100 އެނދުގެ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތ. ކުރެދިފުށި ތަރައްގީކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް 20 ޖުލައި 2011 ގައި މ. އަހުމަދީ އާބާދު މުހައްމަދު ޒަކީގެ ފަރާތުން، އޭރުގެ ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިންއަށް ހުށަހެޅި ޕްރޮޕޯސަލަކާ ގުޅިގެން ހިނގައިދިޔަ ކަންކަމާ ގުޅޭ މައްސަލައެކެވެ.
މި މައްސަލައިގައި ކުރެދިފުށި ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ހިންގުމުގެ ބަދަލެއްގެ ގޮތުގައި މި ޕްރޮޕޯސަލްގައި، ޒަކީގެ ފަރާތުން، އެ އަތޮޅުގެ އޮމަދޫ އާއި ކިނބިދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮޖެކްޓް ހުށަހެޅިއެވެ.
ދައުލަތުން މި ޕްރޮޕޯސަލް ގަބޫލުކޮށް، 1 ޑިސެންބަރު 2011 ގައި އެކަން ގެޒެޓްކުރިއެވެ.
އެ ޕްރޮޕޯސަލްގައިވާ ގޮތުގެ މަތިން އޮމަދޫ އާއި ކިނބިދޫގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މުގާބިލުގައި ތ. ކުރެދިފުށި ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް މުހައްމަދު ޒަކީއަށް ކުއްޔަށްދިނުމުގެ ގޮތުން ޒަކީ އާއި އޭރުގެ މިނިސްޓްރީ އޮފް ފިނޭންސް އާ ދެމެދު 23 ޖަނަވަރީ 2012 ގައި ސޮއިކުރިއެވެ.
ނަމަވެސް ސީއެސްއާރުގެ ދަށުން ދޫކޮށްފައިވާ ރަށްތަކުގެ ކަންތައް ހަމަޖައްސާފައިވާ އުސޫލުން ސީއެސްއާރު ކޮމްޕޯނެންޓްގެ ބަދަލުގައި ސަރުކާރަށް ފައިސާ ދައްކާގޮތަށް ހަމަޖައްސައިދިނުމަށް އެދ،ި ޒަކީގެ ފަރާތުން 17 އޭޕްރީލް 2014 ގައި އޭރުގެ ޓޫރިޒަމް މިނިސްޓަރަށް ސިޓީއެއް ފޮނުވިއެވެ.
އެއާ ގުޅިގެން ޒަކީ އެދުނު ގޮތަށް، އެކިއުޒިޝަން ފީ އަށް ބަދަލުކުރިކަން އޭނާއަށް އަންގައި ޓޫރިޒަމް މިނިސްޓްރީން 15 ޖޫން 2014 ގައި ޒަކީއަށް ސިޓީ ފޮނުވިއެވެ. އަދި ކުރެދިފުށްޓާ ގުޅިގެން އުފައްދަންޖެހޭ ޖޮއިންޓް ވެންޗާ ކުންފުނި އުފެއްދުމުގެ ކަންކަން ކުރިއަށްގެންދަން، އެ އަހަރުގެ ޖުލައިމަހު، މިނިސްޓްރީން ޒަކީއަށް އަންގައި، 11 އޯގަސްޓް 2015 ގައި ޖޮއިންޓް ވެންޗާ އެއްބަސްވުމުގެ ޑްރާފްޓާއި ކުންފުނީގެ ހިންގާ ގަވާއިދުގެ ޑްރާފްޓް ޒަކީއަށް ފޮނުވިއެވެ.
އެ ކަންތައްތަކަށްފަހު، ކުރެދިފުށި ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ކުއްޔަށް ދެވޭނީ އެ ރަށާ ގުޅިގެން ދައްކަންޖެހޭ އެކުއިޒިޝަން ފީގެ 20 އިންސައްތަ ދެއްކުމުން ކަމަށް އަންގައި 23 މާޗް 2019 ގައި ޒަކީއަށް ސިޓީއެއް ފޮނުވިއެވެ.
ނަމަވެސް ދައުލަތުގެ ފަސް ޕަސެންޓް ހިއްސާވާގޮތަށް، ރިސޯޓެއްގެ ގޮތުގައި ކުރެދިފުށި ތަރައްގީކުރުމަށްޓަކައި ޒަކީއަށް ދޭން 23 ޖަނަވަރީ 2012 ދިވެހި ދައުލަތާއެކު ވެފައިވާ އެއްބަސްވުމާ ދައުލަތުން ހިލާފުވެފައިވާކަމަށް ބުނެ ޒަކީގެ ފަރާތުން ސިވިލްކޯޓަށް މައްސަލަ ހުށަހެޅިއެވެ.
އެ މައްސަލައިގައި ޒަކީ އެދިފައިވަނީ ދައުލަތުން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށާއި، އެކަމުގެ ސަބަބުން އޭނާއަށް 35.3 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ކަނޑައަޅައިދިނުމަށާއި، އެ ފައިސާ އެއްފަހަރާ އޭނާއަށް ދެއްކުމަށް ދައުލަތުގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.
އެ ދައުވާއަށް އިންކާރުކޮށް ދައުލަތުން ބުނެފައިވަނީ ފިނޭންސް މިނިސްޓްރީ އާއި މުހައްމަދު ޒަކީއާ ދެމެދު 23 ޖެނުއަރީ 2012 ގައި ސޮއިކޮށްފައިވާ ސީއެސްއާރު އެގްރީމެންޓްގެ ސީއެސްއާރު ޕްރޮޖެކްޓުގެ ބަދަލުގައި ކުރެދިފުށީގެ ލީސް އެކުއިޒިޝަން ކޮސްޓް ދެއްކުމަށްފަހު ސީއެސްއާރު އެއްބަސްވުން ބާތިލުކޮށް ޖޮއިންޓް ވެންޗާ ކުންފުނި އުފެއްދުމަށްޓަކައި ސޮއިކުރަންޖެހޭ ޖޮއިންޓް ވެންޗާ އެގްރީމެންޓުގައި ސޮއިކުރުމުގެ ކުރިން، ކުރެދިފުށީގެ ލީސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 20 ޕަސެންޓް ދެއްކުމަށް ޒަކީއަށް މިނިސްޓްރީން ހުށަހެޅި ކަމަށެވެ. އަދި އެ ހުށަހެޅުން ގަބޫލުކުރުމަށްފަހު، އެ ރަށުގެ ލީސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދެެއްކުމަށް ޒަކީ އެއްބަސްވެފައިވާ ފައިސާ މިއަދާ ހަމައަށް ވެސް ދައްކާފައި ނުވާ ކަމަށެވެ.
އެއާއެކު ޒަކީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ސީއެސްއާރު އެގްރީމެންޓް ނިމުމަކަށް ގެނެސްފައިވާތީ، ޒަކީއަށް ލިބުނުކަމަށް ބުނާ ގެއްލުމުގެ ބަދަލަށް ދައުލަތުން ޒިންމާވާން ނުޖެހޭ ކަމަށްވެސް ދައުލަތުުން ބުނެފައިވެެއެވެ.
މި މައްސަލަ ބެލުމަށްފަހު 27 އޮކްޓޫބަރު 2022 ގައި ސިވިލް ކޯޓުން ހުކުމް ކުރީ، ދައުވާއިން ފާހަގަކުރެވުނު ކަންތައްތަކަށް ރިއާޔަތްކޮށް، މި ދައުވާގައި ޒަކީގެ ފަރާތުން އެދިފައިވާ ކަންކަން އެގޮތަށް ކަނޑައަޅާނެ ހަމައެއް ނެތް ކަމަށެވެ.
ނަމަވެސް ސިވިލްކޯޓުގެ ހުކުމާމެދު ހިތްހަމަނުޖެހިގެން އެ ހުކުމް ބާތިލުކޮށް މި މައްސަލަ އަލުން ބެލުމަށް ސިވިލްކޯޓަށް ތަހުވީލު ކޮށްދިނުމަށް އެދި، ޒަކީގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ހުކުމް ކުރީ، ސިވިލްކޯޓުން ކުރި ހުކުމް ބާތިލުކުރަންޖެހޭ، ޝަރުއީ ނުވަތަ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.
އިބްރާހިމް ޒަކީ
ހައިކޯޓު
ހައިކޯޓު
ހައިކޯޓު
ހައިކޯޓު
ކޮމެންޓް