އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކި ކުރުމަށްޓަކައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހެޅުމުން އެގޮތަށް ފާހެއް ނުވިއެވެ.

މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މިއަދުގެ ޖަލްސާގައި، އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ.

އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލައާ ބެހޭގޮތުން އިތުރު ހުށަހެޅުމެއްވެސް ހުށަހެޅިއެވެ.

އެ ހުށަހެޅުމަކީ، އޭސީސީގެ ތަހުގީގުތައް ކުރިއަށް ގެންދާއިރު ވަސީލަތްތަކާ ބެހޭގޮތުން ހުރި ދަތިތަކާބެހޭ މައުލުމާތު އޮޅުން ފިލުއްވުމަށާއި އެ ބޭފުޅުންގެ މަސައްކަތްތަކަށް ދިމާވާ ގޮންޖެހުންތައް ބެލުމަށް، އޭސީސީގެ މެންބަރުން ވަކިވަކިން ކޮމިޓީއަށް ހާރިޒުކޮށް، ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމު (އަނދުން ހުސައިން) ހުށަހެޅުއްވި ހުށަހެޅުއްވުމެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ.

މި ދެ ހުށަހެޅުމުގެ ތެރެއިން ފުރަތަމަ ވޯޓަަށް އެހީ އޭސީސީގެ މެންބަރުން ވަކި ކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށެވެ. އެ ހުށަހެޅުން ފާސް ނުވުމުން، ދެން ވޯޓަށް އެހީ ވަކިވަކިން މެންބަރުން ހާޒިރުކުރަން އޮތް ހުށަހެޅުމަށެވެ. އެ ހުށަހެޅުން ފާސްވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެން ތިއްބެވީ، މުގައްރިރު، އައްްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)، އާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް، އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް، އާއި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް އާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމްގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ.

އޭސީސީގެ މެންބަރުން ވަކިކުރަން އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރެއްވީ، ވެންޓިލޭޓަރުގެ މައްސަލަ އާއި، އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލަ އަވަސް މިނުގައި ކުރިއަށް ނުދާކަމަށް ވިދާޅުވެއެވެ.