ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު މިހާރު އެ ދައްކާ ވާހަކަ ތަކަކީ، ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް 2015 ވަނަ އަހަރު ބޭއްވި "މޭޑޭ މުޒާހަރާ"ގައި، ރިލްވާންގެ މައްސަލައާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅުވައިގެން ދެއްކި ކަރުދާސް ތަކަކީ އެ ކަރުދާސްތަކުގެ އަސްލު ނޫން ކަމަށާއި އޭގެ އަސްލު ވާން ޖެހޭ ތަނެއްގައި ވާނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވުމާ ގުޅިގެންނެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްްރާމްގައި ވާހަކަ ދައްކަވަމުން އިމްރާން ރޭ ވިދާޅުވީ، މޭޑޭގައި އޭނާ ދެއްކެވި ވާހަކަތައް ގިނަ ރައްޔިތުން މިހާރު ހަނދާން ނެތް ކަމަށެވެ.
އެކަމަކު އެ ވާހަކަތައް އޭނާ ހަނދާން އެބަހުރި ކަމަށާއި އެ ދުވަހު އެއްވެސް ބޭފުޅަކަށް ތުހުމަތުކޮށް ވާހަކަ ދައްކަވާފައި ނުވާނެ ކަމަށެވެ. ހަމަ އެކަނި ވިދާޅުވީ ރިލްވާން އަދި އަފްރަޝީމްގެ މައްސަލައަށް ވީގޮތް އޭރުގެ ވެރިންނަށް އެނގޭނެ ކަމަށް ކަމަށްވެސް ވިދާޅުވިއެވެ.
އިމްރާން ރޭ މިހެން ވިދާޅުވެފައިވާއިރު، މިދިޔަ ބުދަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށްދިޔަ ވަޒީރުންނާ ސުވާލު ކުުރުމުގެ ވަގުތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ރިލްވާން ގެ މައްސަލައާއި ރައީސް ޔާމީންއާ ގުޅިގެން ވާހަކަ ދެއްކުމަށް ބޭނުން ކުރި ލިޔުންތައް ރައީސް ޔާމީންގެ ސަރުކާރުން އަތުލާފައިވާ ކަމަށެވެ.
މެއި ޑޭގެ މުޒާހަރާގެ މައްސަލާގައި އޭރުގެ ސަރުކާރުން އެމަނިކުފާނު ބަންދު ކުރެއްވިއިރު، އެ ކަރުދާސްތައް ގެންގޮސްފައިވާ ކަމަށެވެ. އެހެންކަމުން އޭރުގެ ފުލުހުންގެ ތެރެއިން އެ ކަރުދާސްތައް ގެންދިޔަ ބައެއްގެ އަތުގައި އެތަކެތި ވާނެ ކަމަށާއި، ޖެހޭނީ އެކަމަށް އަލުން ތަހުގީގެއް ފައްޓަވަން ކަމަށްވެސް ވިދާޅުވިއެވެ.
އިމްރާންގެ މި ވާހަކަ ތަކާއި ރޭ ދެއްކެވި ވާހަކަތަކާ ގުޅިގެން އުޝާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޝައިހް އިމްރާން މިހާރު ދައްކަވާ ވާހަކަތަކަށް ބަލާއިރު އެމަނިކުފާނު މަރުތަކުގެ ވާހަކަ އޭރު ދެއްކެވީ އެއްވެސް ހެއްކެއް ހުރެގެން ނޫންކަމާއި ސިޔާސީ ފައިދާތަކެއް ހޯދުމަށްކަން ވަރަށް ސާފު ކަމަށެވެ. އަދި "މިއަދު އަނެއްކާ ރައްޔިތުންނަށް އިތުރަށް އޮޅުވާލުމަށްޓަކާ މުޅިން އާވާހަކަތަކެއް މިދައްކަވަނީ،" ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.