ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
މި މައްސަލައަކީ އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ކޮށް، ޕީޖީ އޮފީހަށް ފޮނުވި މައްސަލައެކެވެ. ޕީޖީ އޮފީހުން ޖިހާދުގެ މައްޗަށް ދައުވާ ކުރަނީ ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.
ޕީޖީ އޮފީހުން ބުނީ، ނޭޝަނަލް ޕްލޭނިން ކައުންސިލުގެ ލަފާގެ މަތިން ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗާ އެގްރިމަންޓެއް ހެދުމަށް ނޮވެމްބަރު 29، 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމި ކަމަށެވެ. އެ ނިންމުމުގައި އޮތީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ތެރެއިން ބިމު ކުލި ދައުލަތަށް ލިބެން ޖެހޭނެ ކަމަށެވެ.
ނަމަވެސް ފިނޭންސް މިނިސްޓަރުގެ މަގާމުގައި ޖިހާދު ހުރެ، ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ކަނޑައެޅިގެން ހިލާފަށް، އެކަން އެގޮތަށް ކުރަންޖެހިދާނެ އެއްވެސް ސަބަބެއް ނެތި ޖެނުއަރީ 13، 2013 ގައި ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް 50 ޕަސެންޓްގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ، ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެން އޮތް ފައިދާއިން ހަމައެކަނި ބިމު ކުލީގެ ގޮތުގައި ވެސް ހަ މިލިއަން އެމެރިކާ ޑޮލަރު އުނިވެފައިވާ ކަމަށެވެ. އޭގެ އިތުރުން ދައުލަތުގެ 50 ޕަސެންޓް ހިއްސާގެ ބަދަލުގައި 25 ޕަސެންޓަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާއިން ލިބޭނެ ގެއްލުން ވެސް އޮންނާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޖިހާދުގެ މައްޗަށް ތުހުމަތު ކުރެވޭ މި މައްސަލަ އޮގަސްޓް 29، 2013 ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް ހުށަހެޅުނެވެ. ނަމަވެސް އޭރު އޮތް ކޮމިޝަނުން ނިންމީ އެ މައްސަލައިގައި ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ، އެގޮތަށް އޭސީސީން ނިންމި ނަމަވެސް އެ މައްސަލައިގައި ކޮރަޕްޝަންގެ އަމަލެއް އެކުލެވޭ ކަމަށް ބެލުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް އެސެޓް ރިކަވަރީ ކޮމިޝަންގައި އެދިފައިވާނެ ކަމަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލް
ޕްރޮސިކިއުޓާ ޖެނެރަލް
ޕްރޮސިކިއުޓާ ޖެނެރަލް