މިނިސްޓަރު އިމްރާން އަބްދުﷲ

ސަފާރީގައި ހިނގީ އާންމުތަނެއްގައި ހުރެފަވެސް ކޮށްލެވޭނެ ކަހަލަ ކަމެއް، ދެކެވޭ ވާހަކަ ހަގީގަތާ ހިލާފު: އިމްރާން

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ ޖޫން މަހުގެ ތެރޭގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައަކީ އާންމުންގެ ތެރޭގައި އަޑުފެތުރުނު ކަހަލަ ބޮޑު މައްސަލައެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްްރާމްގައި އާންމުންގެ ފަރާތުން އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަފާރީގައި ހިނގީ "އާންމު ތަނެއްގައި ހުރެފަވެސް ކޮށްލެވޭނެ ކަހަލަ ކަމެއް" ކަމަށާއި އެ ވާހަކަ މާ ބޮޑު ކަމަކަށްވީ އެކަން ރިޕޯޓްކުރި ގޮތުން ކަމަށެވެ.

އެހެންކަމުން ހަގީގަތަކީ އާންމުންގެ ތެރޭގައި ދައްކަމުން އަންނަ ކަހަލަ ބޮޑު ރޭޕް ކޭސްއެއް ސަފާރީގައި ނުހިނގާކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހަމަ ތެދެއް މި ދެންނެވީ އަޅުގަނޑުވެސް އެ ވާހަކަ އަޑުއެހީމާ، އެ ވާހަކަ ފެތުރިގެން އައީމާ އަޅުގަނޑަށް ވެސް ތަސައްވަރު ކުރެވުނީ ހަމަ ވަރަށް ބޮޑު ރޭޕް ކޭސް އެކޭ މިއޮތީ. އެހެން ނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ އާންމު ޕަބްލިކް ތަނެއްގައި ވެސް ހުރެފަވެސް، ބައެއްގެ ތެރޭގައި ހުރެފައިވެސް މިީހަކަށް ކޮށްލެވޭނެ ކަހަލަ ކަމެއް ކުރި ވާހަކައޭ ދެންނެވީ. އަދި ކުރީމަ ކަމެއް ކުރިކަންވެސް ނެނގޭ ކަހަލަ ކަމެކޭ ހިނގާފަ މިއޮތީ،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ސަފާރީގައި ހިނގައި ދިޔަ ކަންތައް ރިޕޯޓު ކުރެވިގެން އައި އިރު އެ މައްސަލައިގެ ވިކްޓިމްގެ ބަޔާންވެސް އެކި ފަހަރު އެކި ގޮތްގޮތަށް ބަދަލުވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރި ގޮތުގައި އުސޫލީ މައްސަލަތަކެއް އެބަހުރި ކަމަށް ވިދާޅުވި އެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުން ދޫކޮށްލީ ރޭޕް ކޭސް އެއް ހިނގައިގެން އަޅަން ޖެހޭ ފިޔަވަޅެއް ނޭޅިގެންނޭ ނުދެންނެވޭނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ ޖުލައި މަހު ފުލުހުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ޑެޕިއުޓީ ކޮމިޝަނަރު އަބްދުލް މަންނާނު ޔޫސުފް ވިދާޅުވި ގޮތުގައި، ސަފާރީގައި ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުއްޓެވެ.

އެގޮތުން ވިކްޓިމް ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނަށް ބަލާއިރު، ސަފާރީގައި ޖިންސީ ގޯނާއަށް ވުރެ ބޮޑުކަމެއް ހިނގިކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަފާރީ ކޭހާ ގުޅިގެން ތުހުމަތު ކުރަނީ އެންމެ ފުރަތަމަ ހައްޔަރުކުރި ދެ މީހުންނަށް އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.