ރިޕޯޓް

ހޯރަފުށީ އެއާޕޯޓު: އިހަވަންދިއްޕޮޅުގެ ތަރައްގީއަށް މުހިންމު ދޮރެއް

އަލީ ޔާމިން

ހއ. ހޯރަފުށީގައި ހަދަން ފަށައި، މިހާރު ނިމުމަކަށް އައިސްފައިވާ އެއާޕޯޓަކީ، ހޯރަފުށީގެ ރައްޔިތުންގެ އިތުރުން މުޅި ހއ. އަތޮޅުގެ ރައްޔިތުންނަށްވެސް ނުވަތަ އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށްވެސް އެކަމުގެ ނަފާ ކުރާނެ އެއާޕޯޓެވެ. އެ އެއާޕޯޓުގެ ސަބަބުން، އެ އަތޮޅުގެ ރައްޔިތުންނަށް ހާއްސަކޮށް ހޯރަފުށްޓާވީ ބިތުގައި އޮންނަ ހަތް ވަރަކަށް ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ހޯރަފުށި އެއާޕޯޓަކީ، ޒަމާނުއްސުރެ، އެ އަތޮޅުގެ ރައްޔިތުން ދެކެމުން އައި ހުވަފެނެއްގައި ހަގީގީ ކުލަ ޖެހުމެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ދުވަސްވަރުގައި ހޯރަފުށްޓަށް ވަޑައިގެން އެރަށުގައި އެއާޕޯޓެއް ހައްދަވައިދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، މިއަދު އެދަނީ އެ މަސައްކަތް ބާރަށް ކުރެވި، އެއާޕޯޓުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންނެވެ. ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ މައި ހިއްސާދާރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ)އާ ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، އެ މަޝްރޫއު ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ފިޔަވައްސަކީ އެއާޕޯޓުގައި ރަންވޭ، ޓެކްސީވޭ އަދި ފްލައިޓް ޕާކިން އޭރިއާ (އޭޕްރަން) ތަރައްގީކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން، އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 25 މާޗު 2019 ގައެވެ. އެ މަސައްކަތް ހަވާލު ކުރީ 198 މިލިއަން ރުފިޔާއެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރޭގައި ހޯރަފުށީ އެއާޕޯޓު ހެދުމަށް 35 ހެކްޓަރުގެ ބިން ހިއްކުމާއި 1120 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި 720 މީޓަރުގެ ސެކިއުރިޓީ އަދި ބީޗް ފެންސް ޖެހުމާއި 57251 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެ 95 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ހޯރަފުށީ އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ މިިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރޭގައި 4240 އަކަ މީޓަރުގެ ފަޔާ ބިލްޑިންގެއް ހެދުމާއި 14453 އަކަ މީޓަރުގެ ޕަސެންޖާ ޓާމިނަލްއެއް ހެދުން ހިމެއެވެ. ދެ ވަނަ ފިޔަވަހީގެ މަސައްކަތް 13.8 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލު ކުރީ އަންނަ މަހުގެ 11އަށް އެ މަސައްކަތް ނިންމާ ގޮތަށެވެ. އެމްޓީސީން ވަނީ އެ މަސައްކަތުގެ 35 އިންސައްތަ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށް ބުނެފައެވެ.

ތާރީހުގެ ކުރިން އެއާޕޯޓުގެ މަސައްކަތް ނިންމައި ހަވާލު ކުރެވޭނެ!

ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ނިންމައި އަންނަ މަހުގެ 11ގައި ސަރުކާރާއި ހަވާލުކުރަން ޖެހޭ ގޮތަށް ކޮންޓްރެކްޓްގައި އޮތް ނަމަވެސް އެ މަސައްކަތް އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެ މަސައްކަތް ކުރާ އެމްޓީސީސީން ވަނީ ދީފައެވެ.

ހޯރަފުށީ އެއާޕޯޓް މަޝްރޫއުގެ އެންމެ ފަހުގެ މަސައްކަތްތައް ބައްލަވައިލެއްވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިމަހުގެ 22 ވަނަ ދުވަހު ހޯރަފުއްޓަށް ކުރެއްވި ޒިޔާރަތުގައި، މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ، ހޯރަފުށީ އެއާޕޯޓަކީ ފަޅެއް ހިއްކައިގެން ހަދާ އެއާޕޯޓެއް ކަމަށާއި އެ އެއާޕޯޓަކީ އެއްވެސް ހުއްޓުމެއް ނައިސް އެމްޓީސީސީއަށް މަސައްކަތްތައް ކުރިއަށް ގެންދެވޭ ފުރަތަމަ އެއާޕޯޓް ކަމަށެވެ. އަދި އެމްޓީސީސީން މަސައްކަތް ކުރަނީ އަންނަ މަހުގެ އަށްވަނަ ދުވަހަށް އެއާޕޯޓުގެ މަސައްކަތްތައް ނިންމައި، ސަރުކާރާ ހަވާލުކުރަން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ 8 ނޮވެމްބަރުގެ ކުރިއަށް އަޅުގަނޑުމެންގެ ހުރިހާ މަސައްކަތެއް ނިންމައި ސަރުކާރާ ހަވާލުކުރެވޭތޯ. އޭރުން 11 ނޮވެންބަރުގައި އެއާޕޯޓު ހުޅުވުމަށް ސަރުކާރުން އެ ބޭނުންވާ ލަނޑުދަނޑިއަށް އަޅުގަނޑުމެންނަށް ގެންދެވޭނެ،" އާޒިމް ވިދާޅުވިއެވެ.

ހޯރަފުށީ އެއާޕޯޓަކީ ރަށުގެ އިތުރުން އަތޮޅުގެ އުމްރާނީ ތަރައްގީއަށް ވެސް ހުޅުވައިލެވޭ ދޮރެއް!

ހޯރަފުށީގައި ހަދާ އެއާޕޯޓަކީ އެރަށުގެ އިތުރުން، ހއ އަތޮޅުގައި ހިމެނޭ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ހުޅުވާލެވޭ ދޮރެއް ކަމުގައި ހޯރަފުށީ ކައުންސިލުން ގަބޫލު ކުރެއެވެ. ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު "ވަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހޯރަފުށީގައި އެއާޕޯޓެއް ތަރައްގީ ކުރެވުމުން އެކަމުގެ ނަފާ އެރަށުގެ އިތުރުން މުޅި އަތޮޅަށް ކުރާނެ ކަމަށެވެ. އެގޮތުން، އުމްރާނީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ އެއާޕޯޓުގެ ސަބަބުން ރަށުގެ (ހޯރަފުށީގެ)އުމްރާނީ ތަރައްގީއަށް ހެޔޮ ބަދަލުތަކެއް އަތުވެގެންދާނެ ކަމަށް. އެގޮތުން އެއާޕޯޓުގެ ހިދުމަތް ހޯދުމަށް ރަށަށް މީހުން ޒިޔާރަތް ކުރުމުގެ ސަބަބުން ރަށުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އޭގެން ނަފާ ކުރާނެ. އެންމެ ބޮޑު ލުއިފަސޭހައަކީ ފަސޭހަކަމާ އެކު ޖީބަށް ލުއި ގޮތެއްގައި ދަތުރު ކުރުން. އެންމެ ކައިރީގައި އޮތް ހދ. ހަނިމާދޫ އެއާޕޯޓަށް ދިއުމަށްވެސް ސްޕީޑް ލޯންޗެއްގައި އެބަ ނަގާ 45 މިނެޓު. އެއީ ގާތްގަނޑަކަށް 2500-3000ރ ގެ ދަތުރެއް" ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ވަހީދު ވިދާޅުވީ، ހއ. އަތޮޅަކީ ލޯކަލް ޓޫރިޒަމްވެސް ފައްކާވަމުން އަންނަ އަތޮޅަކަށްވީއިރު، އެއާޕޯޓުގެ ސަބަބުން ފަތުރުވެރިން ގެނައުމުގައި އެތައް ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ލޯކަލް ޓޫރިޒަމް ކުރިއެރުމަށް މަގުފަހިވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ހޯރަފުށީގައި ތަރައްގީކުރާ އެއާޕޯޓަކީ ހުވަފެނެއް ހަގީގަކަށް ވުން ކަމުގައި އިހަވަންދޫ ކައުންސިލުންވެސް ފާހަގަކުރިއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު "ވަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހޯރަފުށީގައި ތަރައްގީ ކުރާ އެއާޕޯޓުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށްވެސް އަދި ހޯރަފުށްޓާވީ ބިތުގައި އޮންނަ އިހަވަންދޫ، މޮޅަދޫ، ތުރާކުނު، އުލިގަން، މާރަންދޫ އަދި ތަކަންދޫގެ ރައްޔިތުންނަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

"މޫސުން ގޯސް ދުވަސްވަރެއްގައި އަޅުގަނޑުމެންގެ މި ރަށްތައް މި އޮންނަ ގައްލަންދޫ ކަނޑުން ދަތުރުކުރުމަކީ ބިރުވެރި ކަމެއް. ނަމަވެސް އެއާޕޯޓެއް ހެދިގެން ދިއުމާއެކު ކަނޑުމައްޗަށް ނާރައި، މަތިންވެސް އަޅުގަނޑުމެންނަށް ދަތުރުކުރެވިގެންދާނެ. އެއީ ހަގީގަތުގައި ރައްޔިތުންނަށް ލިބޭ ބޮޑު ލުޔެއް" ހޯރަފުށީ އެއާޕޯޓާ މެދު ހިތުގައި އުފެދިފައިވާ އުފާވެރިކަމުގެ ޝުއޫރުތައް ރަޝީދު ފާޅުކުރެއްވި އެވެ.

ހޯރަފުށީ ޒުވާނަކު "ވަން"އަށް މައުލޫމާތު ދެމުން ބުނީ، އެރަށުގައި ހެދޭ އެއާޕޯޓަކީ މާލީ ގޮތުން ބޮޑެތި ފައިދާތަކެއް ރައްޔިތުންނަށް ލިބިގެންދާނެ އެއާޕޯޓެއް ކަމަށެވެ. އެގޮތުން އެއާޕޯޓު ހުޅުވުމާއި އެކު، ދަތުރުފަތުރަށް ރައްޔިތުންގެ ޖީބުން ކުރަން ޖެހޭ ހަރަދު ކުޑަވެގެންދާނެ ކަމަށް އޭނާ ބުންޏެވެ.

ފެންނަނީ އެކުވެރިކަން. މިއީ އަތޮޅުގެ ހުރިހާ ރަށެއްގެވެސް އެއާޕޯޓެއް!

ހޯރަފުށީ އެއާޕޯޓުގެ މަޝްރޫއު ފެށުމާއެކު ރަށުގެ ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔައީ ނަމޫނާ މަންޒަރެއް ކަމަށް އެރަށުގެ ކައުންސިލުން ބުންޏެވެ. އެގޮތުން ވަކި ކުލައަކަށް ވަކި ފިކުރަކަށް ބެލުމެއް ނެތި، އެއާޕޯޓުގެ މަސައްކަތް ކުރާ އެމްޓީސީސީގެ މުވައްޒަފުންނަށް ވާގިވެރިވުމަށް ރަށުގެ ރައްޔިތުންނާއި އަމިއްލަ ޖަމިއްޔާތަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ބުންޏެވެ.

"އެއާޕޯޓުގެ މަޝްރޫއާއެކު ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަން މިވަނީ ފެނިގެން ގޮސްފައި. ކަނބަލުންވެސް ބައެއް ދުވަސްތަކުގައި ހަވީރުގެ ސައިފޮދާއި، ފަރިވަޅާއި އެއްޗެތި ކައްކައިގެން އެހެރެގެން ދަނީ. މިކަމުންވެސް ދޭހަވަނީ ރަށުގެ ރައްޔިތުން އެއާޕޯޓަކަށް ބޭނުންވެފައިވާ މިންވަރު" ހޯރަފުށީ ކައުންސިލްގެ ރައީސް ވަހީދު ވިދާޅުވިއެވެ.

ހޯރަފުށީ ރައްޔިތުންގެ އިތުރުން ކައިރީގައިވާ އެހެން ރަށްރަށުންވެސް އެއާޕޯޓުގެ މަޝްރޫއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަން އޭނާ ފާހަގަކުރިއެވެ. އެގޮތުން އެއާޕޯޓުގައި އިންދުމަށް ގަސް ހިފައިގެން މާރަންދޫ އާއި އުލިގަމާއި ތުރާކުނުންވެސް ދިޔަ ކަމަށް ވަހީދު ވިދާޅުވިއެވެ.

ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ނިމުމަކާ ހަމައަށް އައިސްފައިވާއިރު، އެރަށުގައި ތަރައްގީ ކުރެވިގެންދާ އެއާޕޯޓު ވެގެންދާނީ އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ލިބިގެންދާ އަގުބޮޑު ހަދިޔާއަކަށެވެ. އެތައް ދުވަހެއް ވަންދެން ކަޅާއި ހުދުން ދެކެމުން އައި ހުވަފެން ހަގީގަކަށް ވަމުން އަންނަ މަންޒަރު މިއަދު އެ އަތޮޅުގެ ރައްޔިތުންނަށް އަންނަނީ ފެންނަމުންނެވެ.