އެމްއެމްއޭ

އިމާރާތްކުރުމުގެ ދާއިރާ ފިޔަވައި އެހެން ސިނާއަތްތައް ކުރިއަރަން ފަށައިފި

އިމާރާތް ކުރުމުގެ ދާއިރާ ފިޔަވައި، އެހެން ހުރިހާ ސިނާއަތްތައް ވެސް މިއަހަރުގެ ދެވަނަ ކުއާޓަރާ އަޅައިބަލާއިރު ކުރިއަރާފައިވާ ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުއާޓާލީ ބިޒްނަސް ސާވޭ ރިޕޯޓްގައި ބުނެފި އެވެ.

އެމްއެމްއޭ އިން ކުރިން ވަނީ މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ވިޔަފާރިތަކުގެ މާލީ ހާލަތު އިތުރަށް ގޯސްވާނެ ކަމަށާއި ކުރިމަގު ބަނަވާނެ ކަމަށް ލަފާކޮށްފަ އެވެ.

ނަމަވެސް ސެޕްޓެމްބަރު 30 އިން އޮކްޓޯބަރު 13 އަށް އެމްއެމްއޭއިން ކުރިއަށް ގެންދިޔަ ކުއާޓާލީ ބިޒްނަސް ސާވޭގައި ބުނެފައިވާ ގޮތުން، ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ޖޫން މަހުން ފެށިގެން ލުއިތައް ދޭން ފެށުމުންނާއި ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާ ގުޅިގެން ސިނާއަތްތަކަށް ވަނީ ކުރިއެރުމެއް ލިބިފަ އެވެ.

ކޮންސްޓްރަކްޝަން، ފަތުރުވެރިކަން، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތައް އަދި ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތް ދޭ ސިނާއަތްތައް ހިމެނޭ ގޮތަށް ޖުމްލަ 104 ކުންފުންޏަކުން ބައިވެރިވެފައިވެފައިވާ އެ ސާވޭގައި ބުނީ، ސިނާއަތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދުތައް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އިތުރަށް ދަށްވެފައިވާ ކަމަށެވެ.

ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއި ދޭން ފެށުމުން މުވައްޒަފުންގެ އަދަދު މަދުވަމުން އަންނަ މިންވަރު ވެސް ދަށްވެފައިވާ ކަމަށް ސާވޭގައި ފާހަގަކޮށްފައިވެ އެވެ.

ސާވޭ ރިޕޯޓުގައި އިތުރަށް ބުނީ، ކޮންމެ އަހަރެއްގެ ވެސް ހަތަރުވަނަ ކުއާޓަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށުން ކަމަށް ވުމާއި ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެމުންދާތީ، މި އަހަރުގެ ތިންވަނަ ކުއާޓަރާ އަޅައިބަލާއިރު ހަތަރުވަނަ ކުއާޓަރުގައި ހުރިހާ ސިނާއަތްތަކުގެ ވިޔަފާރިތައް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ކޮވިޑުގެ ބޮޑު ބަލިމަޑުކަމުގެ ހާލަތާއި ރާއްޖޭގެ އިގްތިސޯދީ ހާލަތަށް ވެގެންދާނެ ގޮތް ލަފާކުރަން ދަތި ނަމަވެސް، މި އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓުތަކުގެ ބުކިންގްސް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭތީ އާއި އެހެން ސިނާއަތްތަކުގެ އޯޑަރުތަކާއި އާމްދަނީ ލިބޭ ވަސީލަތްތައް އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، މި އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ހުރިހާ ސިނާއަތްތަކުގެ އާމްދަނީ ތިންވަނަ ކުއާޓަރާ އަޅައިބަލާއިރު، ޖުމުލަ ގޮތެއްގައި ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެމްއެމްއޭ އިން ބުނީ، ދެވަނަ ކުއާޓަރާ އަޅައިބަލާއިރު މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތައް ފިޔަވައި އެހެން ސިނާއަތްތަކުގައި ހިމެނޭ ވިޔަފާރިތަކުގެ މާލީ ހާލަތު ހީނަރުވެފައިވާ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ މާލީ ހާލަތު ގޯސްވެފައިވާ މިންވަރު، އަހަރުގެ ދެވަނަ ކުއާޓަރާ އަޅައިބަލާއިރު ރަނގަޅުވާން ފަށާފައިވާއިރު އިމާރާތްކުރުމުގެ ސިނާއަތުގައި ހިމެނޭ ވިޔަފާރިތަކުގެ މާލީ ހާލާތު ތިން ވަނަ ކުއާޓަރުގައި ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް ސާވޭގައި ބުނެފައިވެ އެވެ.

ނަމަވެސް ކުރިއަށް އޮތް ކުއާޓަރުގައި ފަތުރުވެރިކަމާއި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ވިޔަފާރިތަކުގެ މާލީ ހާލަތު ފާހަގަކޮށްލެވޭ މިންވަރަކަށް ރަނގަޅުވާނެ ކަމަށް އެމްއެމްއޭ އިން ވަނީ އަންދާޒާ ކޮށްފަ އެވެ.