ކޮވިޑް 19 ޖެހިގެން ކަރަންޓީނުގައި ހުރި ރޮނާލްޑޯ ހެދި ދެވަނަ ޓެސްޓުންވެސް އޭނާ ޕޮޒިޓިވް ކަމަށް ދެއްކުމުން، ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ޔުވެންޓަސްއިން ނުކުންނަ މެޗުގައި ރޮނާލްޑޯ ނުފެންނާނެ ކަމަށް ހަބަރުތައް ބުނެފިއެވެ.
ސްޕެއިންގެ އިތުބާރު ހިފޭ ނޫހެއް ކަމަށްވާ މަރްކާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރޮނާލްޑޯ އިއްޔެ ހެދި ކޮވިޑް ޓެސްޓުން ދެއްކީ އަދިވެސް އޭނާ ރަނގަޅު ނުވާ ކަމަށެވެ. ޔޫއެފާގެ އުސޫލުތައް ބުނާ ގޮތުން، ކޮވިޑަށް ޕޮޒިޓިވްވާ ކުޅުންތެރިޔަކު ޔޫއެފާގެ މެޗެއްގައި ކުޅުމަށް، ހަފުތާއެއް ކުރިން ކޮވިޑަށް ނެގެޓިވް ވާން ޖެހެއެވެ.
ކަރަންޓީނުގައި ރޮނާލްޑޯ މިވަގުތު އިޓަލީގައި ހުރި އިރު، އޭނާ ޕޮޒިޓިވްވީ ޕޯޗުގަލުގައި ހުއްޓައެވެ. ގައުމީ ޓީމާއެކު މަސައްކަތް ކުރަމުންދަނިކޮށް ރޮނާލްޑޯ ޕޮޒިޓިވް ވެފައިވީ ނަމަވެސް، އޭނާ ވަނީ އެނބުރި އިޓަލީއަށް ގޮސްފައެވެ. އެ މައްސަލަ ހޫނުވެ، ރޮނާލްޑޯ އިޓަލީގެ ކަރަންޓީނު އުސޫލާ ހިލާފުވެފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރުވެސް ވަނީ ވިދާޅުވެފައެވެ. އަމިއްލަ ޖެޓުގައި ރޮނާލްޑޯ ދަތުރުކުރީ އިދާރާތަކުގެ އެންގުމާ ހިލާފަށް ކަމަށް އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު، ވިންސެންޒޯ ޕަޑަފޯރާ ވިދާޅުވެފައިވެއެވެ.
އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރަށް ޔުވެންޓަސްއިން ވަނީ ހާއްސަ ރައްދެއް ދީފައެވެ. ޖުމުލަ ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑޯގެ ދިފާއުގައި ޔުވެންޓަސްއިން ބުނެފައިވަނީ ރޮނާލްޑޯގެ ޖެޓް، ޕޯޗުގަލްއިން އިޓަލީއަށް ދަތުރުކުރީ ސިއްހީ އިދާރާތަކުން ނަގަން ޖެހޭ ހުއްދަތައް ނަގައި، އެކަމަށް ފެހި ސިގްނަލް ލިބިގެން ކަމަށެވެ.
ޔުވެންޓަސްއިން އިތުރަށް ބުނެފައިވަނީ ޕަޑަފޯރާއަށް ރޮނާލްޑޯގެ އައިސޮލޭޝަން ކަންކަން ހަމަޖެހިފައި އޮތްގޮތް ރަނގަޅަށް ސާފު ނުވެ އޮތް ކަމަށެވެ. އެ ވާހަކަތަކަށް ރޮނާލްޑޯ ވެސް ވަނީ ރައްދު ދީފައެވެ. އިންސްޓާގްރާމް ލައިވްއެއްގައި ރޮނާލްޑޯ ބުނީ އޭނާ ކަންކުރީ ސިއްހީ މާހިރުންގެ އިރުޝާދަށް ކަމަށާއި އެއްވެސް ކަމެއްގައި އުސޫލާ ހިލާފުވެފައި ނޯންނާނެ ކަމަށެވެ.
މީގެ ކުރިން ރެއާލް މެޑްރިޑަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ ރޮނާލްޑޯ، ޔުވެންޓަސްއަށް ބަދަލުވީ މީގެ ދެ ސީޒަން ކުރިންނެވެ. އޭގެ ކުރިން ރެއާލްއިން ބާސާއަށް ދެކޮޅަށް ކުޅޭ އެލް ކްލެސިކޯ މެޗުތަކުގައި ރޮނާލްޑޯއާ ވާދަވެރި ލިއޮނަލް މެސީގެ ކުރިމަތިލުންތައް ފެނިފައިވާ އިރު، ޔުވެންޓަސްއާއި ބާސާ ޗެމްޕިއަންސް ލީގުގެ "ގްރޫޕް ޖީ"އަށް ދިޔުމުން ގިނަ ބަޔަކު އަނެއްކާވެސް އިންތިޒާރުކުރީ އެ ކުރިމަތިލުމަށެވެ.
ފުރަތަމަ ބުރުގައި ރޮނާލްޑޯއަށް މެސީއާ ކުރިމަތިލުމުގެ ފުރުސަތު ގެއްލިފައިވާކަން ކޮވިޑް ޓެސްޓުން މިހާރު ވަނީ ޔަގީންވެފައެވެ. ދެން ގިނަ ބަޔަކު މެސީއާއި ރޮނާލްޑޯގެ ކުރިމަތިލުމަށް އިންތިޒާރުކުރާނީ އެ ދެޓީމުން ގްރޫޕް ސްޓޭޖުގައި ކުޅޭ ހަވަނަ މެޗަށެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ