ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ވަރުގަދަ އެތުލެޓިކޯ މެޑްރިޑް ކޮޅަށް ހަތަރު ގޯލް ޖަހައި، ލަދުގަންނަވާލައިފިއެވެ.
ޗެމްޕިއަން ބަޔާންއިން އެންމެފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު 12 މެޗުންވެސް އެޓީމު މޮޅުވެފައިވާއިރު، މިދިޔަ ސީޒަންގެ ސެމީ ފައިނަލްގައި އެޓީމުން ވަނީ ބާސެލޯނާ ކޮޅަށް އަށް ގޯލް ޖަހާފައެވެ. އެޓޭކިން ތަފާތު މޮޅު ޓީމެއްގެ ގޮތުގައ ބަޔާން ފާހަގަކޮށްލެވޭއިރު، އަމިއްލަ ދަނޑުގައި ރޭ އެތުލެޓިކޯ ބަލިކުރީ 4-0ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ކިންގްސްލީ ކޯމަންގެ ދެގޯލާއި، ލިއޯން ގޮރެޓްސްކާ އަދި ކޮރެންޓޮން ޓޮލީސޯގެ ގޯލްތައް ފެނިގެން ގޮސްފައިވެއެވެ. ބަޔާން އިން ތަށި ދިފާއުކުރަން ނުކުތްއިރު، އެ ކްލަބުގެ އެޓޭކް ހުއްޓުވުމަކީ އުނދަގޫ ކަމެކެވެ. މިދިޔަ ސީޒަންގައިވެސް 43 ގޯލް އެޓީމުން ޗެމްޕިއަންސް ލީގުގައި ޖަހާފައިވެއެވެ. އެއީ ރެކޯޑެކެވެ.
ބަޔާންއިން މި ސީޒަންގެ ޗެމްޕިއަންސް ލީގު ތަށި ދިފާއުކޮށްފިނަމަ، އެ ކްލަބު ވެގެންދާނީ ޖެހިޖެހިގެން ދެފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި، ހަތަރުވަނަ ޓީމުގެ ގޮތުގައެވެ. އޭސީ މިލާންގެ އިތުރުން ރެއާލް މެޑްރިޑް އެ ލިސްޓްގައި ހިމެނޭއިރު، ބްރިއަން ކްލަގު ވަނީ ނޮޓިންހަމް ފޮރެސްޓާއެކު 1980 އަހަރު ޗެމްޕިއަންސް ލީގު ތަށި ދިފާއު ކޮށްފައެވެ.
މިހާތަނަށް ތަށްޓެއް ލިބިފައި ނުވާ، އިނގިރޭސި ގަދަ ބާރެއް ކަމަށްވާ މެންޗެސްޓާ ސިޓީން ރޭ ކުޅުނު މެޗުގައި ޕޯޓޯ ބަލިކުރީ 31ގެ ނަތީޖާއަކުންނެވެ.
ސިޓީގެ އެތެހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 14 ވަނަ މިނެޓުގައި ޕޯޓޯއަށް ލީޑް ނަގައިދިނީ ލުއިޒް ޑިއާޒެވެ. ހާފް ނިމުމުގެ ކުރިން ސިޓީން އެއްވަރުކުރިއެވެ. އެ ގޯލަކީ ޕެނެލްޓީއަކުން ކުން އަގުއޭރޯ ޖެހި ގޯލެކެވެ.
މިދިޔަ ސީޒަންގެ ތެރޭގައި ލިބުނު ބޮޑު އަނިޔާއެއްގެ ސަބަބުން އަގުއޭރޯ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު ފުރަތަމަ މެޗު ކުޅުނީ މިދިޔަ ހަފްތާ އާސެނަލްއާ ދެކޮޅަށެވެ. ގެބްރިއަލް ޖެސޫސްވެސް އަނިޔާގައި ހުރުމުން ފޯވަޑުންގެ މައްސަލަ ސިޓީއަށް ދިމާވެފައިވާއިރު، އަގުއޭރޯ އެހާ އަވަހަށް ދަނޑު މައްޗަށް ނެރުމަށް ގާޑިއޯލާ ވިސްނީ ފޯވަޑުން މަދުވުމުން ކަމަށް ބެލެވެއެވެ.
އަގުއޭރޯގެ އިތުރުން ރޭ ސިޓީއަށް ގޯލްތައް ޖަހައިދިނީ މި ސީޒަނަށް ކްލަބާ ގުޅުނު ފެރަން ޓޮރޭސްގެ އިތުރުން އިލްކޭ ގުންޑަގަންއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު